މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑި މާދަމާ ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުއެވެ. އިނާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މާދަމާ މެންދުރުފަހު 2:00 އެވެ.

މިއަހަރު 34 ދާއިރާއަކުން ގައުމީ އިނާމު ދޭނެއެވެ. މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ރައީސް އޮފީހުން ބުނީ، ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަމާއި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުންވެސް ނަން ހުށަހަޅާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުން ކަމަށެވެ. އޭގެ އިތުރުން، http://apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށްވެސް އިނާމަށް ނަން ހުށަހެޅޭނެ ކަމަށް ބުންޏެވެ.

ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން މައުލޫމާތާއި ތަކެތި ފޮނުވާނީ، "ގައުމީ އިނާމާބެހޭ ކޮމިޓީ" އަށް އެޑްރެސްކޮށް، ރައީސް އޮފީހަށެވެ.