އެމްޑީޕީގެ ޗެއާޕާސާން އިންތިހާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ މަގާމާ މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.

ފައްޔާޒު ވަނީ މަގާމާ ހަވާލުވެވަޑައިގެން ޕާޓީގެ ސެކްރެޓޭރިއެޓްގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފައެވެ. އެމްޑީޕީ އޮފީހުގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.

ފައްޔާޒާ އެއް ޓީމެއްގައި ކެމްޕެއިން ކުރައްވައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ އިންތިހާބު ކާމިޔާބުކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ވަނީ މިއަދު އެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އަދި ޒުވާނުންގެ ހިތްވަރުގެ ރައީސްގެ އިންތިހާބު ކާމިޔާބުކުރެއްވި ރިފްގާ ޝިހާމް ވެސް ވަނީ އެ މަގާމާ ހަވާލުވެވަޑައިގެންފައެވެ.

މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ނަތީޖާއިން ދައްކާގޮތުގައި ބޮޑު ތަފާތަކުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ބަލިކުރައްވައި ޗެއާޕާސަންކަމުގެ މަގާމު ފައްޔާޒް ކާމިޔާބުކުރެއްވީ 58 ޕަސެންޓު ވޯޓާއެކުއެވެ.

އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ އިންތިހާބު ރޮޒެއިނާ ކާމިޔާބުކުރެއްވީ 60 ޕަސެންޓް ވޯޓުންނެވެ. އޭނާއާ ވާދަކޮށްފައިވަނީ، ސަފާތު އަހުމަދު ޒާހިރެވެ. އަދި ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމުގެ މަގާމަށް ރިފްގާ ޝިހާމު އިންތިހާބުވީ، އެ އިންތިހާބުގައި ވޯޓުލި 14،445 މީހުންގެ ތެރެއިން 7276 ވޯޓު ހޯދައިގެންނެވެ.