މާލޭގެ ފިހާރަތަކުން ކުނިވެފައި ހުންނަ ކުކުޅު ބިސް ވިއްކާ މައްސަލަ ފެންމަތިވެެއްޖެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ކުނިވެފައި ހުންނަ ބިސް މާލޭގެ ފިހާރަތަކުން ވިއްކާ ކަމުގެ ޝަކުވާ އެ އޮތޯރިޓީ އަށް ލިބެމުން އަންނަ ކަމަށެވެ. އަދި މިއީ އޭގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކުރާ އަދި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރުމުގެ ނުރައްކާތެރި ހާލަތު މެދުވެރިވުމުގެ ސަބަބެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އެމްއެފްޑީއޭ އިން ބުނީ ފިނިކޮށްފައި ހުންނަ ބިސް ރައްކާކޮށްފައި ބެހެއްޓޭނީ ގިނަވެގެން ތިން މަސް ދުވަހު ކަމަށާއި އަދި ފިނި ނުކޮށް ބިސް ބެހެއްޓޭނީ 28 ދުވަހު ކަމަށެވެ. އެހެން ނަމަވެސް ހުންނަން ޖެހޭ ފިނިހޫނުމިނުގައި ނުބަހައްޓައިފި ނަމަ މުއްދަތު ހަމަވާ ތާރީހުގެ ކުރިން ބިސް ކުނިވުމުގެ ފުރުސަތު އޮވެދާނެ ކަމަށްވެސް އެ އޮތޯރިޓިން ބުންޏެވެ.

އެހެންކަމުން ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް މުއަދަތު ހަމަވާ ތާރީހު އެނގޭގޮތަށް ވިއްކަން ބެހެއްޓުމަށް އެ އޮތޯރިޓީން ވަނީ އަންގައިފަ އެވެ. އަދި ބިސް ގަންނަ ފަރާތްތަކުންވެސް މިކަންކަމަށް ސަމާލުކަން ދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.