ވ. އަތޮޅު އެތެރެވަރިން އޮޔާދަނިކޮށް ފެނުނު ބޮޑުމަސް މިހާރު އޮތީ އެ އަތޮޅު ތިނަދޫ ފަޅުކައިރީގައި ކަމަށާއި އެމަސް ފަޅަށް ވައްދައި ރަށަކަށް އެރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވ. އަތޮޅު ކައުންސިލް ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.
ގާތްގަނޑަކަށް 50 ފޫޓުގެ މި ބޮޑުމަސް އޮތީ މަރުވެ ކުނިވެފައެވެ.
ޝުޖާއު "ވަން" އަށް މިއަދު ވިދާޅުވީ އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ފިޝަރީޒް މިނިސްޓްރީއާއި ފުލުހުންނާ ގުޅިގެން އެ މަހާމެދު އަމަލު ކުރަންވީ ގޮތް ރާވަމުން އަންނަ ކަމަށެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު އެ މަސް ފަޅަކަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެ މަސް މިހާރު އޮތީ ތިނަދޫ ފަޅުކައިރީ ގާތަކުގެ މައްޗަށްވާ ކަހަލަ ގޮތަކަށް ކަމަށާއި ނަމަވެސް އެއަށްވުރެ ބޮޑަށް ފަޅަށް ވައްދައި އޭތި އެއްގަމަށް އެރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ފަޅަކަށް އޭތި ވައްދަން. ދެން އޭތީގައި ހުރި މަސް ނެއްޓެންދެން ރަށެއްގަ ބާއްވަން. މިގޮތަށް އަޅުގަނޑުމެން ވާނީ ފިޝަރީޒް މިނިސްޓްރީއާވެސް އީޕީއޭއަށްވެސް ދަންނަވާފައި. މިއީ ފަތުރުވެރިކަމުގެ އަތޮޅެއްވީމަ، އޭގެ ކަށިތައް ފަތުރުވެރިންނަށް ފެންނަ ކަހަލަ ގޮތަކަށް ޑިސްޕްލޭ ކޮށްލަން ވިސްނަނީ،" އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މިހާރުވެސް އެ މަސް ކައިރީގައި މިޔަރު އުޅޭ ކަމަށާއި އެ ސަރަހައްދަށްދާ މީހުން އެކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ. އަދި އެ ސަރަހައްދު މޫދަށް އެރުމަކީ ސިއްހީ ގޮތުންވެސް ރައްކާތެރިގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު