މެޑިކަލް ޓެސްޓުތަކެއް ހެއްދެވުމަށްފަހު ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އުމުރުފުޅުން 86 އަހަރުގެ ސައުދީ ރަސްގެފާނު، ޖިއްދާގައި ހުންނަ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މި މަހުގެ 7ގައެވެ.

ސައުދީ ރޯޔަލް ކޯޓުން މިއަދު ބުނީ، މިމަހުގެ އަށް ވަނަ ދުވަހު ހެއްދެވި ކޮލޮނޮސްކޯޕީގެ ނަތީޖާތައް ރަނގަޅު ކަމަށެވެ. އަދި އެއަށްފަހު ހޮސްޕިޓަލުގައި ކުޑަ ދުވަސްކޮޅަކު އަރާމު ކުރެއްވުމަށް މަޑުކުރެއްވުމަށް ޑޮކްޓަރުން ލަފާދެއްވި ކަމަށް ބުނެފައިވެއެވެ.

ކޮލޮނޮސްކޯޕީ ހެދުމަކީ ޚާއްސަ އާލާތެއް ބޭނުންކޮށްގެން ބޮޑުގޮހޮރުގެ އެތެރޭގެ ފަށަލަ ބެލުމަށް ހަދާޓެސްޓަކަށް ކިޔާ ނަމެކެވެ.

ސައުދީ ޓީވީން އިއްޔެ ދެއްކި ވީޑިއޯ ކްލިޕަކުން ފެންނަނީ، ރަސްގެފާނު ހިނގުމަށް އެހީތެރިވެދޭ އަސާގަނޑަކާ އެކު ހޮސްޕިޓަލުން ހިންގަވާފައި ނުކުންނަވާ ތަނެވެ. ރަސްގެފާނުގެ އަރިހުގައި ދަރިކަލުން، ވަލީއަހުދު މުހަންމަދު ބިން ސަލްމާންވެސް ފެނެއެވެ.

ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމުގެ ރަސްކަމުގެ ތަހުތަށް ސަލްމާން އައްޔަން ކުރީ 2015ގަ އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ ވަލީއަހުދުގެ ގޮތުގައި ދެ އަހަރާއި ބައި ހޭދަކުރައްވައިފަ އެވެ.

ސައުދީ ރަސްގެފާނު ވަނީ، މިއަހަރުގެ ކުރީކޮޅު ވެރިރަށް ރިޔާދުގައި ހުންނަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ހިތަށް ލައްވާފައިވާ ޕޭސްމޭކާގެ ބެޓެރި ބަދަލުކުރުމުގެ އޮޕަރޭޝަނެއްވެސް ކުރައްވައިފައެވެ. އަދި 2020 ވަނަ އަހަރު ސަލްމާން ރަސްގެފާނުގެ ގޯލްބްލޭޑާ ނެގުމަށް ވެސް އޮޕަރޭޝަނެއް ކުރައްވާފައިވެއެވެ.