ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް، އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑާ ޝައިޚް މުހައްމަދު ބިން ޒާއިދު އަލް ނަޙްޔާންއާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ޔޫއޭއީގެ ކުރީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑާ އައްޝައިޚު އަލް މަރްހޫމް ހަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އެ މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި، އެ އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ސޯލިހު މިހާރު ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޔޫއޭއީގެ އާ ރައީސާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ޔޫއޭއީގެ ކުރީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑާ އައްޝައިޚު އަލް މަރްޙޫމް ހަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ބަޔާންކުރައްވައި އެ މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢއުމަތް މިންވަރުކޮށްދެއްވައި މަރްހޫމްގެ އާއިލާއާއި ޔޫއޭއީގެ ރައްޔިތުންނަށް އެމަނިކުފާނުގެ އިހްލާސްތެރި ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގަންނަވައިފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި އައްޝައިޚު އަލް މަރްހޫމް ހަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާންތައް އާކުރެވިގެންދާނީ އެ މަނިކުފާނުގެ ބައްޕާފުޅު ފަދައިން ތަހުޒީބާއި ގައުމީ އެއްބައިވަންތަކަން ގެނެސްދެއްވި އަލިގަދަ ދަންމަރެއްގެ ގޮތުގައިކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑާ ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާން، ޔޫއޭއީގެ ރައީސްގެ މަގާމާއި ހަވާލުވެގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އެންމެހައި ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު