މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު 4.7 ބިލިއަން ރުފިޔާ އަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފިއެވެ.

ކަސްޓަމް އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައެފްގެ އަގު 2021 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅައިބަލާއިރު 63 ޕަސެންޓް ވަނީ އިތުރުވެފައެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައެވެ. 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެތެރެކުރި މުދަލުގެ އަގަކީ 2.9 ބިލިއަން ރުފިޔާއެވެ.

މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ، އޮމާން، އިންޑިއާ އަދި ޔޫއޭއީ އެވެ. އޮމާނުން 1.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 655 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫއޭއީން ވަނީ 534 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަގު މިދިޔަ އަހަރު އެމުއްދަތާ އަޅައިބަލާއިރު 36 ޕަސެންޓް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ އަގު 231 މިލިއަން ރުފިޔާއަށް އަރާއިރު 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެކްސްޕޯޓް ކުރި މުދަލުގެ އަގަކީ 170 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށާއި ޖަރުމަނު އަދި އިންޑިއާ އަށެވެ. ތައިލޭންޑަށް 116 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު ޖަރުމަނަށް 13 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާއަށް 11 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު މިދޔަ އޭޕްރީލް މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީވެސް 37 ޕަސެންޓަށް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އާމްދަނީ އަށް 362 މިލިއަން ރުފިޔާ ލިބިފައިވާއިރު 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ލިބިފައިވަނީ 265 މިލިއަން ރުފިޔާއެވެ.