ސްރީލަންކާގެ ކުރީގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންގެ ގެތަކުގައި ހުޅުޖަހައިފިއެވެ.

ސްރީލަންކާގެ އިގުތިސޯދީ ހާލަތު ދަށްވެ، ބޭރު ފައިސާ ހުސްވުމުގެ ސަބަބުން އެގައުމުން މިހާރު ވަނީ އެއީ ބަނގުރޫޓުވެފައިވާ ގައުމެއްކަން އިއުލާންކޮށްފައެވެ.

ލަންކާގެ ފޮރިން ރިޒާވްގައި އެގައުމަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރެވޭނެހާވެސް ފައިސާ ނެތެވެ. ލަންކާގެ އިގުތިސޯދު އެހާލަތަށް ދިޔައީ ކޮރަޕްޝަނުގެ ސަބަބުންކަމަށް ބުނެ އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ސަރުކާރުގެ އިސްތިއުފާއަށްށް ގޮވާލައި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދަމުންނެވެ.

އެ މުޒާހަރާތައް ކޮންޓްރޯލުކުރަން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން ލަންކާގައި ކާފިއު އިއުލާންކުރި ނަމަވެސް، ގިނަ އަދަދެއްގެ މީހުން ދަނީ މުޒާހަރާތަކުގައި ބައިވެރިވުމަށް މަގުތަކަށް ނުކުންނަމުންނެވެ. މުޒާހަރާތަކާއެކު ސަރުކާރަށް ތާއީދުކުރާ މީހުންނާ ދެމެދު މިއަދު ވަނީ ކުރިމަތިލުންތަކެއް ވެސް ހިނގައިފައެވެ. އެ ހަމަނުޖެހުންތަކުގައި ގިނަ ބަޔަކަށް އަނިޔާވެ، ބައެއް މީހުން މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

މަހަކަށްވުރެ ގިނަ ދުވަހަށް ކުރަމުންދިޔަ އެ މުޒާހަރާތަކާއެކު ގައުމުގެ ހާލަތު އިތުރަށް ގޯސްވުމުން، މަހިންދަ ރާޖަޕަކްސަ ވަނީ ބޮޑުވަޒީރުކަމުން މިއަދު އިސްތިއުފާދެއްވައިފައެވެ. ރާޖަޕަކްސާ އިސްތިއުފާ ދެއްވާފައި މިވަނީ ލަންކާގެ މަސްރަހު ފިނިކުރަން އެމަނިކުފާނު އިސްތިއުފާދެއްވަފާނެ ކަމުގެ އަޑު ފެތުރިފައިވަނިކޮށެވެ. ރާޖަޕަކްސާ އިސްތިއުފާ ދިނުމުން ވެސް މުޒާހަރާކުރުން ހުއްޓާނުލައި އެގައުމުގެ މީހުން ދަނީ ސަރުކާރުގެ ވެރިންގެ ދިރިއުޅޭ ގެތަކުގައި އަލިފާން ރޯކުރަމުންނެވެ.

ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕޮލޮންނަރުވާ ޑިސްޓްރިކްޓްގެ ޕާލަމެންޓް މެމްބަރު އަމަރަކެރްތީ އަތޮކޮރަލާ ހުންނެވި އިމާރާތެއްގައި ވެސް ވަނީ މިއަދު ހުޅުޖަހައިފައެވެ.

އެގައުމުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އަމަރަކެރްތީ އަތޮކޮރަލާގެ ވެހިކަލްގައި އައި ގްރޫޕަކުން ސްރިލަންކާގައި މުޒާހަރާކުރަމުންދާ މީހުން ގަޔަށް ވަނީ ބަޑިޖަހައިފައެވެ. މި ހާދިސާގައި ތިން މީހަކު ޒަހަމްވެ އެކަކު ވަނީ މަރުވެފައެވެ.

ހަމަލާދިން ސަރަހައްދުގެ ކައިރީގައި ހުރި ސީސީޓީވީ ފޫޓޭޖްތަކުން ފެންނަނީ މަރުވި މެމްބަރު އާއި ވެހިކަލުން އައި ގްރޫޕު ފިލަން އިމާރާތަކަށް ވަންނަ މަންޒަރެވެ. އެ ފޫޓޭޖް ލީކުވުމާއެކު ގިނަ އަދަދެއްގެ މީހުން ވަނީ އެ އިމާރާތް ކައިރިއަށް އެއްވެ އިމާރާތް ވަށާލައިފައެވެ. އަދި އެ އިމާރާތުގައި ވަނީ ހުޅުޖަހައިފައެވެ.