މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ޕީޕީއެމް ވަކިކުރަން އެ ޕާޓީގެ ސުލޫކު ކޮމިޓީން ނިންމައިފިއެވެ.

ނަހުލާ ޕީޕީއެމުން ވަކިކުރަން ނިންމިކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.

ނަހުލާގެ ސުލޫކީ މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަން ފެށީ، ޕީޕީއެމާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް އޭނާ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ފަތުރާފައިވާތީއެވެ.

ޕީޕީއެމުން މިދިޔަ ހުކުރުދުވަހު ނެރުނު ބަޔާނެއްގައި ބުނީ ނަހުލާ އެގޮތަށް ވާހަކަދައްކާފައިވަނީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޕީޕީއެމްއިން ނެރުނު ކެންޑިޑޭޓާ ދެކޮޅަށް އެންޓި ކެމްޕޭންކޮށް އިދިކޮޅު ކެންޑިޑޭޓަށް ތާއިދު ހޯދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ޕާޓީއަށް ލިބުނުފަހުން ކަމަށެވެ. އަދި ޕާޓީން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފެށުމުން ނަހުލާ އޭނާގެ ސޯޝަލް މީޑިއާގައި ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

"މިޕާޓީގެ ރައީސްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުން ގެންދާކަން ވެސް ފާހަގަ ކުރަން. އަދި މިކަންކަން ކުރުމުގައި ނަހުލާ އަލީއާ އެކު އޭނާއަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާ އާއި ސުލޫކީ ކޮމިޓީއަށް މައްސަލައެއް ހުށަހެޅި އެމައްސަލަ ބަލަން ފެށުމާއެކު، ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު ޕާޓީން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްހާ އަލީވެސް ހިމެނޭ ވާހަކަ ދަންނަވަން." ޕީޕީއެމުން ބުންޏެވެ.

ނަހުލާގެ އިތުރުން އޭނާގެ މަންމަ އާމިނަތު ލީލާވެސް ޕީޕީއެމުން ވަކިކުރަން ވަނީ ނިންމައިފައެވެ.