ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަޝްރޫއުގެ ސާވޭ ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނިކޮށް، ހުޅުމާލޭ ފަރަށް ގެއްލުން ލިބިގެން ޖޫރިމަނާކޮށްފިއެވެ.
ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އިން ސަބްމެރިން ކޭބަލް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ، އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ރިލަޔަންސްގެ ޖިއޯ ކުންފުންޏާ ހަވާލުކޮށްގެންނެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ، އެ ޕްރޮޖެކްޓުގެ ސާވޭ މަސައްކަތްތަކެއް ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ކުރިއަށްގެންދަނިކޮށް ފަރަށް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
ފަރަށް ގެއްލުންވީ، އެ މަސައްކަތުގައި ހަރަކާތްތެރިވާ "އޯޝަން ސާވެއާ" ބޯޓުގެ ހައިޕެޕް ސިސްޓަމުގެ ޔޫއެސްބީއެލް ޕޯލާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު ފަރުގައި ޖެހިގެންކަމަށް އެފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އެ ސަރަހައްދުގައި ކުރި ސާވޭއިން ފަރަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެ މަސައްތަކުގައި އުޅުނު އުޅަނދުގެ ވެރިފަރާތް، 198,112.73 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށާއި 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށްވެސް އީޕީއޭ އިން ބުނެފައިވެއެވެ.
ސަބްމެރިން ކޭބަލްގެ މަޝްރޫއުގެ ސާވޭ ކުރުމުގެ މަސައްކަތް މިދިޔަ މާޗް މަހުގެ 30 ގައި ފަށާފައިވާ އިރު، އޯސީއެމް އިން ބުނީ ސަބްމެރިން އެޅުމުގެ މަޝްރޫއު ވެގެންދާނީ، ރާއްޖޭގެ ޑިޖިޓަލް ބެކްބޯން ވަރުގަދަކުރުމަށްޓަކައި، ހަލުވި ދުވެއްޔެއްގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ރާއްޖެއަށް ގެނައުމަށް ބާރުއަޅާ މަޝްރޫއަކަށް ކަމަށެވެ. އެ ކޭބަލް ހުޅުމާލެ ފޭސް ދޭއްގައި، 2023 ވަނަ އަހަރު ނިމުމުގެ ކުރިން ޖައްސާނެ ކަމަށާއި އޭރަށް އެ ކޭބަލްގެ ހިދުމަތް ލިބޭނެ ކަމަށް ލަފާކުރެވޭކަމަށް އޯސީއެމް އިން ބުނެފައިވެއެވެ.
އޯސީއެމް އިން ލޯކަލް އައިއެސްޕީތަކާ ގުޅިގެން މަސައްކަތް ކޮށް، މިހާރު ހުރި އިންޓަނެޓް ކެޕޭސިޓީ ޕާޗޭސް ސޮލިއުޝަންތަކަށް ވުރެ ރަނގަޅު އަގުތަކުގައި ހޯލްސޭލް އިންޓަނެޓް އެ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށާއި، އަގުހެޔޮ ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތުގެ ސަބަބުން ގާބިލު އަދި ޓެކް އަހުލުވެރި ޒުވާނުންނަށް އައު އީޖާދުތައް ތައާރަފުކުރުމުގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު