ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް ހދ. އަތޮޅުގެ ރަށްތަކަށް މިއަދު ފަށަން އެމްޓީސީސީން ނިންމައިފިއެވެ.
އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން އެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވަނީ ހއ، ހދ އަދި ށ އަތޮޅަށެވެ.
އެމްޓީސީސީން މިއަދު ބުނީ، މިއަދު މެންދުރުފަހުން ފެށިގެން ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓުގެ ދަތުރުތައް ފަށާނެ ކަމަށެވެ.
މި ހިދުމަތަކީ މުޅިން އަލަށް ފަށާ ހިދުމަތަކަށް ވުމުން އެކަމަށް އަހުލުވެރިކުރަން މިއަދުން ފެށިގެން މިމަހުގެ ދިހައެއްގެ ނިޔަލަށް ހދ. އަތޮޅުގައި ކުރާ ދަތުރުތައް ހިލޭ ކޮށްދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އިތުރަށް ބުނީ، މި ހިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފެރީތަކެއް ކަމަށެވެ. އަދި މިހާރު ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތް ފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައި ކަމަށްވެސް ބުންޏެވެ.
އެގޮތުން، އެއާކޯން ކުރެވިފައިވާ މި ސްޕީޑް ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާކޮށްފައިވަނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރި އިރު، ފެރީގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ހާއްސަކުރެވިފައި ހުރެއެވެ. އަދި އާރުޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖުގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ.
އާރުޓީއެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭ މުއްދަތުގެ ތެރޭގައި ފެރީގެ ޖާގަ ހޯދޭނީ ހަމައެކަނި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށެވެ. އަދި މި މުއްދަތަށް ފަހު މިމަހުގެ 11 އިން ފެށިގެން އާރުޓީއެލްގެ ފެރީ ހިދުމަތަށް ކަނޑައެޅިފައިވާ ރޭޓްތަކުގައި ފައިސާ ނެގެމުން ދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެމްޓީސީސީންނެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ) އާއި ޒޯން 3 (ކ، އއ، އދ އަދި ވ) އާއި ޒޯން 4 ( މ، ފ، ދ، ތ އަދި ލ) އާއި ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު