ލ. އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޓައިޓަލް ސްޕޮންސަރަކަށް ސިބްކޯ ޕްރައިވެޓް ލިމިޓެޑުން އިމްޕޯޓްކޮށް މާކެޓް ކުރާ "އަލް މުދިޝް" ހަމަޖައްސައިފިއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ލ. ފޮނަދޫގައި ފެށުމަށް ހަމަޖެހިފައިވާ ލީޑް ވެޓްރަންސް ފުޓްސަލް ކަޕުގެ ޓައިޓަލް ސްޕޮންސަރަކަށް "އަލް މުދިޝް" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ލީޑާއެކު ސޮއިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެ އެއްބަސްވުމުގައި ލީޑުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ބޯޑު މެމްބަރު މުހައްމަދު ޝަފްރާޒެވެ. ސިބްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ހާނީ ނައީމެވެ.

ލީޑް ވެޓްރަންސްގެ ފުޓްސަލް ކަޕުގައި 10 ޓީމަކުން ވާދަކުރާނެއެވެ. މުބާރާތުގެ ގުރުއަތު ނެގުން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ރެއަށް ވަނީ ތާވަލުކޮށްފައެވެ.

ލީޑް ވެޓްރަންސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް މިއަހަރު ހުޅުވާލީ މުޅި ރާއްޖެއަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ހިސާބެއްގެ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް މުބާރާތުގައި ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ލީޑުން މައުލޫމާތު ދެއެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ ޖަމިއްޔާ ޖަމާއަތްތަކަށާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ސަރުކާރު އިދާރާތަކަށާއި ކުންފުނި އަދި އަމިއްލަ ކުންފުނިތަކަށެވެ.

ލީޑުން މައުލޫމާތު ދީފައިވާ ގޮތުގައި ޓީމުތަކުގައި ހިމެނޭނީ ދިވެހި ރާއްޖެއަށް ނިސްބަތްވާ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. ނަމަވެސް ކޮންމެ ޓީމަކަށްވެސް އެޓީމަކުން ބޭނުންވާ ނަމަ، އުމުރުން 30 އަހަރާއި 35 އަހަރާ ދެމެދުގެ އެއް ކުޅުންތެރިއަކު ޓީމުގައި ހިމެނުމަށް ވަނީ ފުރުސަތު ދީފައެވެ.

  • ޓީމް ޖޭމް
  • ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު
  • ލ. ގަން ޕޮލިސް
  • ލ. މާވަށް ޕޮލިސް
  • އޭލިއަން
  • އައުޓްރީފް ސްޕޯޓްސް ކްލަބު
  • ތުނޑީ އޯލްޑް ބޯއީސް
  • ކިއުއެމް ސްޕޯޓްސް އެކަޑެމީ
  • އެމްއެންޑީއެފް ސެންޓްރަލް އޭރިއާ
  • މާހިންނަ ސްޕޯޓްސް ކްލަބު

މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ލ. ފޮނަދޫ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.

ލީޑް ވެޓްރަންސް ފުޓްސަލް ޓޯނަމެންޓް 2022ގެ ޓައިޓަލް ސްޕޮންސަރަށް "އަމް މުދިޝް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސްއެވެ. މުބާރާތުގެ ސްޕޯޓިން ޕާޓްނަރަކީ ފޮނަދޫ ކައުންސިލާއި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ ޝަބްނަމީ ހޯލްޑިންގްސްއެވެ.

ލޮޖިސްޓިކްސް ޕާޓްނަރަކީ ދިވްޒޯން ލާމެވެ. ގްރެފިކްސް ޕާޓްނަރަކީ އެކްސްވަޓައިސްއެވެ. ކޮފީ ޕާޓްނަރަކީ ލ. ފޮނަދޫގެ ދި ޖޭމް ކިޗަން ރެސްޓޯރަންޓެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. އޮފިޝަލް ކިޓް ޕާޓްނަރަކީ މަޅި އެމްވީއެވެ. ލައިވް ޕާޓްނާއަކީ "ބިގޭ ޓީވީ" އެވެ.