މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ސާފު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލުން މިއަދު ހާމަކުރި އެ ބޭންކުގެ މި އަަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާ ދައްކާ ގޮތުން މިދިޔަ ކުއާޓަރާއި ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލައި އިރު، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރަކުން ކުރިއެެރުން ހޯދައި ހަރުދަނާ މާލީ ނަތީޖާއެއް ވަނީ ހޯދައިފިއެވެ.

އެގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލައި އިރު، 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލައި އިރު، މިއީ 14 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ބޭންކަށް ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާބަލައި އިރު، 18 ޕަސެންޓް މަތީ އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ 55 ޕަސެންޓް އިތުރު އަދަދެކެވެ.

ބީއެމްއެލުން ބުނީ، ބޭންކަށް އެ ނަތީޖާ ހާސިލުކުރެވުނީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއި ދޫކުރި ލޯނުތަކުގެ ފެންވަރު ރަނގަޅުވަމުން ދިއުމާ ގުޅިގެން އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދާފައިވާ ޕްރޮވިޝަން ފައިސާ އަނބުރާ އާމްދަނީގެ ތެރެއަށް ވަނުމުން ކަމަށެވެ.

އެގޮތުން ފުރަތަމަ ކުއާޓަރުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެއް ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދަކަށް ލޯނާއި ފައިނޭންސް ދޫކޮށްފައިވާ ކަމަށާއި އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށްވެސް ބުންޏެވެ.

ބީއެމްއެލުން ބުނީ، މުޖުތަމައަށް އެހީވުމަށް ބޭންކުން ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބޭންކިން ވިއުގަވެސް އިތުރަށް ފުޅާކުރެވިފައިވާ ކަމަށެވެ. އެގޮތުން ހަތަރު ރަށެއްގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ވަނީ ތައާރަފުކޮށްފައެވެ.

މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުނުކަމީ ލިބުނު އުފަލެއް ކަމަށެވެ.

"ދުނިޔޭގެ މާކެޓަށް އެކި ބަދަލުތައް އައުން އެކަށީގެންވާ ހާލަތެއްގައި އޮތް ނަމަވެސް ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ހޯދައި ބޭންކަށް ކާމިޔާބު ނަތީޖާއެއް މިދަނީ ދެމެހެއްޓެމުން. ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެ ކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން،" ސޯޔާ ވިދާޅުވިއެވެ.