ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއެކު، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އިތުރުވެ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
އެސްޓީއޯއިން މިއަދު އާންމުކުރި މިިދިޔަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން، ނިމިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއަކީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި އިރު، 23 ޕަސެންޓްގެ އިތުރުވުމެކެވެ.
އެސްޓީއޯ އިން ބުނީ، ވިއްކި ތެލުގެ އަދަދު އިތުރުވުމުގެ އިތުރުން އެ ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ، އެ ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް މިދިޔަ ކުއާޓަރުގައި އިތުރުވެފައިވާ ކަމަށެވެ.
ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމާ އެކު، ޖުމުލަ ފައިދާވެސް ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި އިރު، 71.6 މިލިއަން ރުފިޔާ އިތުރުވެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޖުމުލަ ފައިދާގެ ގޮތުގައި 397 މިލިއަން ރުފިޔާ ލިބުނު އިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 469 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި މިދިޔަ އަހަރުގެ އެއްވެސް ކުއާޓަރެއްގައި ޖުމުލަ ފައިދާ 400 މިލިނަށް އަރާފައެއް ނުވެ އެވެ.
ހިސާބުތައް ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ މިދިޔަ ކުއާޓަރުގެ ފައިދާއަކީ 177 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި އިރު، 15 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 150 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި އިރު، 14 ޕަސެންޓުގެ އިތުރުވުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު