ފާއިތުވި ތިން އަހަރާ އަޅާބަލައި އިރު، މިއަހަރުގެ ރޯދަމަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި އަހަރުގެ މިހާތަނަށް އެތެރެކުރި މުދަލުގެ އަދަދުވެސް ފާއިތުވި ތިން އަހަރުގެ އެ މުއްދަތާ އަޅާބަލައި އިރު، ގިނަ ކަމަށެވެ. އަދި ރޯދަމަސް ފެށިގެން ފާއިތުވި ތިން ހަފުތާގައި މުދާ އެތެރެކުރި އަދަދު ވަކިން ގިނަ ކަމަށާއި ހާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ މުދާ އެތެރެކުރި އަދަދު ގިނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މި އަހަރުގެ ރޯދައަށް އެ ކުންފުނިން އަމާޒު ކުރީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއާކުރުމުގެ އޮޕަރޭޝަން އަވަސްކޮށް ވީހާވެސް އަވަހަށް އެ މުދާ ބާޒާރަށް ނެރެވޭނެ ގޮތްތައް ހަދައިދިނުން ކަމަށާއި އެ އަމާޒު ވަރަށް ރަނގަޅަށް ހާސިލުކުރެވެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކަށްވީ ރޯދައަށް ހާއްސަކޮށް މި ގެނެވޭ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް، ބޯޓު އައުމާ އެކު ބަނދަރުން ބޭލި، ވީހާވެސް އަވަހަށް އެތަކެތި ކްލިއާ ކުރެވިގެން ބާޒާރަށް ނެރެވޭނެ ގޮތަށް ޕޯޓުގެ މަސައްކަތް ބައްޓަންކޮށްގެން ކުރިއަށް ގެންދިއުން،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރޯދަ މަހުގެ މިހާތަނަށް އިމްޕޯޓް ކުރި ޕެރިޝަބަލް މުދަލުގެ އަދަދު ފާއިތުވި ތިން އަހަރުގެ ރޯދަ މަސްތަކުގައި އެތެރެ ކުރި މުދަލަށްވުރެ އިތުރު ކަމަށާއި މި ރޯދަމަސް ނިމޭއިރު، އެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށެވެ. އަދި އެ މުއްދަތުގައި އެތެރެކުރި ކޮންޓެއިނާ ކާގޯއަށް ބަލައި އިރުވެސް ފާއިތުވި ދެ އަހަރު އެތެރެކުރި އަދަދަށްވުރެ ގިނަ ކަމަށް ވިދާޅުވިއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކަށް ބަލައި އިރު، ރޯދަމަސް ފެށިގެން މިހާތަނަށް ޕެރިޝަބަލް މުދާ ހިފައިގެން އެކަނިވެސް 26 ބޯޓެއް ރާއްޖެ އައިސްފައިވެއެވެ. އަދި ކޮންޓެއިނާ މުދާ ގެންނަ ބޯޓުތައްވެސް ކޮންމެ ތިން ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ރާއްޖެ އާދެއެވެ.
މި ރޯދަމަހުގައި މިހާތަނަށް އެމްޕީއެލުން ކްލިއާ ކުރި މުދަލުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުމުލަ 5،000 ޓީއީޔޫސް (20 ފޫޓުގެ 5000 ކޮންޓެއިނާގެ މުދާ) ވަނީ ކްލިއާކޮށްފައެވެ. އަދި ޕެރިޝަބަލް ކާގޯގެ 180،000އާއި ގާތްކުރާ އަދަދަކަށް ޕެކޭޖާއި ޖެނެރަލް ކާގޯގެ 9000 ޕެކޭޖު ވަނީ ކްލިއާކޮށްފައެވެ. ޕެރިޝަބަލް ކާގޯގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައި ވަނީ ބިހާއި ކަރާ އަދި ދޮންކޭލެވެ.
ރޯދަމަހަށް އޮޕަރޭޝަންތައް ވަރުގަދަކޮށް މުދާ ގެންނަ ބޯޓުތައް ހުސްކޮށްލައި އަވަހަށް ފުރުވާލެވޭނެ އިންތިޒާމާއި ގެންނަ މުދާ އަވަހަށް ކްލިއާ ކުރެވޭނެ ހާއްސަ އިންތިޒާމްތައް އެމްޕީއެލް އިން ވަނީ ހަމަޖައްސާފައެވެ. އަދި އެ އޮޕަރޭޝަންތަކަށް ހާއްސަ ޓާސްކުފޯހެއް އެކުލަވާލައި މުދާ ކްލިއާ ކުރާ ގަޑިވެސް އިތުރުކުރިއެވެ. އަދި ޕެރިޝަބަލް މުދާ ކުލިއާކުރުމުގެ މަސައްކަތް ބަންދު ގަޑީގައާއި ހުކުރު ދުވަހުވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު