ޓީވީއެމްގެ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހްމަދަށް ޑޯނަރެއް ހަމަޖެހި، ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނަށް އިއްޔެ ފުރައިފިއެވެ.

ސާއިދުގެ ކިޑްނީ ފެއިލްވެފައިވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. ކިޑްނީ ފެއިލްވިކަން އެނގުނު ހިސާބުން ފެށިގެން އޭނާ އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޑޯނަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ސާއިދަށް ޑޯނަރެއް ހަމަޖެހުނީ، އޭނާގެ އުފަން ރަށް ގދ. ތިނަދޫގައި ތިބި އޭނާގެ އެކުވެރިންތަކެއް 'ލެޓްސް ހެލްޕް ސާއިދު'ގެ ނަމުގައި ފެށި ސޯޝަލް މީޑިއާ ކެމްޕޭނެއްގެ ތެރެއިންނެވެ.

ސާއިދު އިއްޔެ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާއާއި އޭނާގެ ޑޯނަރަށް ހެޔޮދުއާ ކޮށްދިނުމަށް އެދިފައެވެ. އަދި އޮޕަރޭޝަނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެވެން ނެތް ފަރާތްތަކުން ހެޔޮދުއާ ކޮށްދިނުމަށް އެދޭކަމަށްވެސް ސާއިދު ވަނީ އެދިފައެވެ.

"އަޅުގަނޑުގެ އުއްމީދަކީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްފަހު ގަދަވެ ސަލާމަތުން ތިޔަ އެކުވެރިންނާ ބައްދަލުވުމެވެ. ކުރީގެ ދިރިއުޅުމަށް އެނބުރި ރުޖޫއަވުމެވެ. މިއަދު މިފުރީ ތިޔަ އެކުވެރިންނާއި ވަރަށް ދުރަށެވެ." ސާއިދު ބުންޏެވެ.

ކިޑްނީ ބައްޔާ ދެކޮޅަށް ފާއިތުވި ހަތަރު އަހަރު ސާއިދު ވަނީ 530 ފަހަރު ޑަޔަލަސިސް ހަދައިފައެވެ.

މީގެ ކުރިން ސާއިދު ބުނެފައިވަނީ، ފުރަތަމަ ތިން އަހަރު، ދެ ދުވަހުން އެއް ދުވަހު ޑަޔަލަސިސް ހަދަން ޖެހުނު ކަމަށެވެ. އޭގެ ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރު އެނދުމަތިވެގެން އޮންނަން ޖެހޭ ކަމަށާއި އެ ދުވަސްތަކުގައި ހާލު ގޯސްވެގެން ތިން ފަހަރު އައިސީޔޫގައި އެޑްމިޓްވެސް ކުރި ކަމަށެވެ.