ކަރަންޓު ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުމަށް ފަހު ލޭބަލް ޖެހުން ހުއްދަކޮށްފިއެވެ.
އެކަން ހުއްދަކޮށްފައިވަނީ، އެންވަޔަރަމަންޓް މިނިސްޓްރީގެ "ހަކަތަރި" ޕްރޮގްރާމަށް ގެނައި ފުރަތަމަ އިސްލާހު ޝާއިއުކޮށްފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ އަހަރުގެ ސެމްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ ރާއްޖޭގައި ކަރަންޓު އާލާތުގެ ހަކަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ ލޭބަލްޖެހުމުގެ ޕްރޮގްރާމެއް "ހަކަތަރި" ޕްރޮގްރާމް ތައާރަފުކޮށް، ޕްރޮގްރާމު ކުރިއަށް ގެންދާނެގޮތުގެ އުސޫލު އާއްމުކޮށްފައެވެ.
މި ޕުރޮގުރާމުގެ މަގުސަދަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ.
މުދާ އެތެރެކޮށް ވިއްކާ ފަރާތްތަކުން ލިބުނު ހިޔާލުތަކަށް ބަލައި ވީހާވެސް ގިނަ ފަރާތްތަކަކަށް "ހަކަތަރި" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން ފަހިކުރުމަށް ޕްރޮގްރާމުގައި ބައިވެރިވުމުގެ އުސޫލުތަކަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން ފާހަގަކޮށްލެވޭ ބައެއް އިސްލާހުތަކުގެ ތެރޭގައި ޕްރޮގްރާމުގައި ރަޖިސްޓްރީކުރާ އާލާތްތައް ރާއްޖެއަށް އެތެރެވުމަށްފަހު ގުދަނުގައި ބަހައްޓައިގެން އެތަކެތީގައި ލޭބަލްޖަހައި ވިއްކުން ވަނީ ހުއްދަކޮށްފައެވެ.
މި އިސްލާހާއެކު ކުރިން އެތެރެކޮށްފައިވާ މޮޑެލްތަކުގައި ލޭބަލް ހަރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބަދަލުތަކާއެކު އިސްލާހުކޮށްފައިވާ އުސޫލުތައް www.en.gov.mv/df އިން ޑައުންލޯޑް ކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު