ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓްރީގެ ބަޖެޓުގެ ތިން ޕަސެންޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސީއެސްއާރަށް ހަރަދުކުރާ ބަޖެޓުގެ 25 ޕަސެންޓް ޖަމިއްޔާތަކަށް ކަނޑައަޅައި، ޖަމިއްޔާތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދެހާސް ތިން ވަނަ އަހަރުން ފެށިގެން މިހާރު އަމަލުކުރަމުން އަންނަ ޖަމިއްޔާތަކާބެހޭ ގާނޫނު އުވާލުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އާ ބިލުގެ 57 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކު ސަރުކާރުން ޖަމިއްޔާތަކަށް ހިލޭ އެހީ ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީގެ ބަޖެޓުގެ ތިން ޕަސެންޓަށްވާ ފައިސާ ހިމަނަންވާނެ ކަމަށެވެ. ކޮންމެ އަހަރަކުވެސް ފާއިތުވެދިޔަ އަހަރު މިނިސްޓްރީގެ ބަޖެޓުގައި އެކަމަށް ފައިސާ ހިމަނާފައިވާ އަދަދަށް ވުރެ ކުޑަ ނޫން އަދަދެއް، ބަޖެޓުގައި ހިމަނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ކުންފުނިތަކުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީސް (ސީއެސްއާރު)ގެ ގޮތުގައި ކޮންމެ އަހަރަކު ކަނޑައަޅާ އަދަދެއްގެ 25 ޕަސެންޓަށް ވުރެ ކުޑަ ނޫން އަދަދެއް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖަމިއްޔާތަކަށް ފޯރުކޮށްދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެ ފައިސާ ހިލޭ އެހީގެ ގޮތުގައި ޖަމިއްޔާތަކަށް ދޭން ވާނީ، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީގެ ލަފާގެ މަތިން މިނިސްޓްރީން ކަނޑައަޅައި އާއްމުކުރާ އުސޫލެއްގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތަށް ކަނޑައެޅި ނަމަވެސް، އަމިއްލަ ކުންފުނިތަކުން ޖަމިއްޔާ ޖަމާއަތްތަކަށް ފައިސާގެ ހިލޭ އެހީ ފޯރުކޮށްދެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އެފަދަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށްވެސް ޓެކްސްގެ ލުއިތަކެއް ދިނުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

އެގޮތުން މަދަނީ ޖަމިއްޔާތަކުން މުޖުމަތައުގެ އާއްމު މަންފާއަށް ކުރާ ކަންތައްތަކަށް ހިތްވަރު ދިނުމަށާއި ގައުމުގެ ތަރައްގީގައި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުވާނެ ގޮތެއް ފަހިކުރުމަށާއި ޖަމިއްޔާ ހަދައި ހިންގުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށާއި އެފަދަ ޖަމިއްޔާތަކަށް އެހީތެރިވެދޭ ވިޔަފާރިތަކަށް، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގައިވާ އުސޫލުތަކުގެ ދަށުން ޓެކުހުން ލުއި ލިބޭނޭ ގޮތްތައް ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އިންތިޒާމުކުރަންވާނެ ކަމަށް ބިލުުގައި ބުނެފައިވެއެވެ.

އެ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ.