ޓީޗަރުންނަށް ހައްގުވާ އެކި ޕްރޮމޯޝަންތަކާއި ހައްގުވާ ކުރިއެރުންތައް ނުދީ ހިފަހައްޓާފައިވާ މައްސަލައިގައި ކޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ނިންމައިފިއެވެ.
ޓީޗަރުންގެ ޖަމިއްޔާ އާއި ޕީއައިއެލްސީ ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ ޓީޗަރުންނަށް ހައްގުވާ އެކިއެކި ޕްރޮމޯޝަންތަކާއި އެމީހުންނަށް ހައްގުވާ މަގާމުގެ ކުރިއެރުން ނުލިބޭ މައްސަލަތަކުގައި ހައްގު ހޯދުމަށްޓަކައި ގާނޫނީ އެހީތެރިކަން ހޯދުމަށް ޓީޗަރުންގެ ޖަމިއްޔާ މެދުވެރިކޮށް އެ ސެންޓަރުގައި ވަރަށް ގިނަ ޓިޗަރުން އެދެމުންދާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ހާލަތްތައް ދިމާވެފައިވާ އަދި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގާނޫނީ އެހީތެރިކަން ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕީއައިއެލްސީން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މައްސަލަ ކޯޓަށް ހުށަހަޅަން ބޭނުންވާ ޓީޗަރުން އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް ޕީއައިއެލްސީގެ މެއިލްއަށް ފޮނުވުމަށް ވަނީ އެދިފައެވެ.
ޓީޗަރުންގެ ޕްރޮމޯޝަންތަކާއި މަގާމުގެ ކުރިއެރުންތައް ދިނުން ހުއްޓާލާފައިވަނީ ކޮވިޑުގެ ހާލަތާ ގުޅިގެންނެވެ.
ޓީޗަރުން ކޯޓަށް ދާން ނިންމާފައިވާ އިރު، އަންނަ މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފައެވެ. އެ ނިންމުމާއެކު އަންނަ މަހުން ފެށިގެން ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލައި 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު