މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ފްލައިން ސްކޫލަށް ގެންނަ އިތުރު ތިން އެއާކްރާފްޓް އަންނަ ހުކުރު ދުވަހު މާލެ ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އޭވިއޭޝަން އެކަޑަމީ ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު މިހާދު "ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އިއްޔެ ވިދާޅުވީ ފްލައިން ސްކޫލް ހިންގުމަށް ރާވާފައިވަނީ ޖުމުލަ ހަ އެއާކްރާފްޓާއެކު ކަމަށެވެ. އެއީ މަލްޓި އިންޖީނުގެ އެއް އެއާކްރާފްޓާއި ސިންގަލް އިންޖީނުގެ އެއް އެއާކްރާފްޓެވެ.
މިހާދު ވިދާޅުވީ އޭގެ ތެރެއިން މަލްޓި އިންޖީނުގެ އެއާކްރާފްޓް މިހާރު ރާއްޖެ ގެނެސްފައިވާއިރު ސިންގަލް އިންޖީނުގެ ދެ އެއާކްރާފްޓް، ކުރިން ފްލައިން ސްކޫލް ހިންގިި އޭއޭއޭ އިން ގަނެފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ގެންނަ އިތުރު ތިން އެއާކްރާފްޓް މިހާރު ވީ ކޮލަމްބޯގައި ކަމަށާއި އަންނަ ހުކުރު ދުވަހު މާލެ ގެނެވޭނެ ކަމަށްވެސް މިހާދު ވިދާޅުވިއެވެ.
"މިހާރު އެ ތިން އެއާކްރާފްޓް ވަނީ މިމަހު 11 ގައި ކޮލަމްބޯ ޕޯޓަށް ބަނދަރުކޮށްފަ. ދެން 15 ގައި މާލޭގައި އަންނާނެ ކަމަށް ލޮޖިސްޓިކް ޕާޓްނަރު ބުނެފަ އޮތީ." މިހާދު ވިދާޅުވިއެވެ.
މިހާދު ވިދާޅުވީ ފްލައިން ސްކޫލުގެ ފުރަތަމަ އަމާޒަކީ އޭއޭއޭ ފްލައިން ސްކޫލުން ކިޔަވަމުން އައި 150 ދަރިވަރުންގެ ކޯސް ވީހާވެސް އަވަހަކަށް ނިންމައި ދިނުން ކަމަށާއި އުއްމީދު ކުރައްވަނީ މި އަހަރު ތެރޭގައި އޭގެތެރެއިން 70 ދަރިވަރުން ގްރެޖުއޭޓް ވުން ކަމަށެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއަކީ ޕައިލެޓުން ތަމްރީނުކުރުމަށް ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލެއް މެދުވެރިކޮށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއެކު ދާދި ފަހުން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏަކުން ހިންގާ އެކަޑަމީއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު