ރާއްޖޭގެ ދެކުނުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ކިރުވާ އަދަދު އިތުރުވެ މަސްކިރަން ކިއުގައި ތިބި ދޯނިތައް އިތުރުވުމުން މަސް ގަންނަ އަދަދު ލިމިޓް ނުކޮށް މަސް ގަންނަން ނިންމުމުންވެސް ބައެއް މަސްވެރިން ގއ. ކޫއްޑޫގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ކޫއްޑޫގައި ހުރީ ގދ. ގައްދޫ މަސްވެރިއެއް ކަމަށްވާ ހަސަން ޝާކިރު މިއަދު "ވަން" އަށް ބުނީ، މިފްކޯއިން މަސް ކިރުމަށް މިމަހު ކަނޑައެޅި ލިމިޓް އުވާލީ، ފަސް ޓަނަށްވުރެ ގިނައިން މަސް ބާނައިގެން އައި ދޯނިތައް އެގޮތަށް އެދުމުން ކަމަށެވެ. މަސް ގަންނަ އަގު ފަސް ޓަނަށް ލިމިޓް ކޮށްފައިވަނީ މިމަހު ހަ ވަނަ ދުވަހުއެވެ.
އެ ދުވަހު މިފްކޯއިން ބުނެފައިވަނީ، ދެކުނުގެ މަސްވެރިކަން ތިޔާގިވެ އެއްފަހަރާ ގިނަ ދޯނިތަކުން ދެކުނުގެ ސެންޓަރުތަކަށް މަސް ކިރުވާ އަދަދު އެ ސެންޓަރުތަކުގެ ކެޕޭސިޓީއަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސް ކިރުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި މަސް ކިރުވަން ދޯނިތައް ކިއުގައިޖެހޭ އަދަދުވެސް އިތުރުވެފައިވާ ކަމަށް ބުންޏެވެ.
ޝާކިރު ބުނީ، މިފްކޯއިން ލިމިޓް އުވާލައި ކިޔު ތަރުތީބުން މަސްކިރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މަސް ދޯނިތަކުން ވެސް ބޭނުންވަނީ ކިޔު ތަރުތީބުން މަސް ކިރުންކަމަށް ޝާކިރު ބުންޏެވެ.
"މިތާ ތިބޭތާ އެތައް ވަގުތެއް، އެކަމަކު މިހާރު ފަސް ޓަނަށް ވުރެ ގިނައިން މަސް ބާނައިގެން އައި ދޯނިތަކުން ބޭނުންވެގެން، ހުރިހާ މަހެއް ކިރާގޮތަށް ނިންމީ. އެކަމަކު އޭގެ އެންމެ ދޯންޏަކުން މަސް ކިރޭއިރު މިފްކޯގެ ހުރިހާ ތަނެއް މިހުންނަނީ ފުރިފައި،" ޝާކިރު ބުންޏެވެ.
ޝާކިރު ބުނީ، މިފްކޯއިން ފަސް ޓަނުގެ އުވާލުމުން ގއ. ވިލިނގިލި މަސް ދޯނިތަކުގައި ތިބި މީހުން މިފްކޯގެ ކައްޓާ މައްޗަށް އަރައި އެކަމުގެ ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށުމުން އެހެން ރަށްރަށުގެ ދޯނިތަކުގެ މަސްވެރިން ވިލިނގިލި ދޯނިތަކަށް އަރަން މަސައްކަތްކޮށް، ވިލިނގިލި މަސްވެރިންނާއި އެހެން މަސްވެރިންނާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކުރަން ފެށި ކަމަށެވެ.
"ވިލިނގިލި ދޯނިތަކުން ބޭނުންވަނީ ފަސް ޓަން ކިރަން، އެއަށްވުރެ ގިނައިން ކިރުވާކަށް އެ މީހުން ބޭނުންވޭ، އެކަމާ އެހެން ދޯނިތަކުން ހިތްހަމަނުޖެހި އަރައިރުން އުފެދި މިކަން ބޮޑުވެ ފުލުހުން އަންނަން ޖެހުނީ. ވިލިނގިލި މީހުންގެ ސަބަބުން މިކަމެއް މިފެށުނީ އެ މީހުން ފަސް ޓަނު ކިރުވަން ބޭނުންވިޔަސް އެހެން ދޯނިތަކުން ވެސް ހަމަ އަވީގައި ތިބެގެން މަސް ބޭނީ. އައިސް އެއް ނުލިބޭ، ތެޔޮ ހަރަދުވޭ، އެހެންވެ އެ ދޯނިތަކުގެ މީހުން ވިލިނގިލި މަސްވެރިންނާ ދެކޮޅަށް ނުކުތީ،" ޝާކިރު ބުންޏެވެ.
ކޫއްޑޫގައި މިހާރު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ނަމަވެސް ގިނަ އަދަދަކަށް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ބުންޏެވެ.
ޝާކިރު އެ ވާހަކަތާ ގުޅިގެން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީއަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވައިފައެއްނުވެއެވެ. އަދި ކޫއްޑު ފިޝަރީސް ކޮމްޕެލްކްސްއިން ވެސް ފޯނަށް ޖަވާބު ދެއްވާފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު