އިގުތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓި, ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާ ސްރީލަންކާގައި ފައިސާގެ ރިޒާވް އާދަޔާ ހިލާފަށް ދަށްވެ, ބޭރުގެ ދަރަނި ދެއްކުން ހުއްޓާލައިފިއެވެ.
ލަންކާ މަރުކަޒީ ބޭންކުން މިއަދު ބުނީ, ތެޔޮ ފަދަ މުހިންމު ޒަރޫރީ ތަކެތި ގަންނަން ރިޒާވް ބޭނުންކުރަން ޖެހިފައިވާތީ ބޭރުގެ ދަރަނި ދެއްކުން ގޮންޖެހުމަކަށްވެފައިވާ ކަމަށެވެ.
ލަންކާގެ ގަވަރުނަރު ޕީ. ނަންދަލާލް ވީރަސިންހަ ރިޕޯޓަރުންނަށް ވިދާޅުވީ, އެގައުމުން ބޭރުގެ ދަރަނި ދެއްކުން ހުއްޓާލާފައިވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއެކު ފަށާފައިވާ ވާހަތަކުން ނަތީޖާއެއް ލިބެންދެން ކަމަށެވެ.
އިމަޖެންސީ ލޯނުތަކެއް ހޯދުމަށް އައިއެމްއެފްއާއެކު ލަންކާއިން ރަސްމީ ވާހަކަތައް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ލަންކާއިން މިއަހަރުގެ ތެރޭގައި ދައްކަންޖެހޭ ބޭރުގެ ދަރަނި އެކަނިވެސް ހަތަރު ބިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު, އޭގެ ތެރޭގައި ޖުލައި މަހުގެ ނިޔަލަށް ހަމަވާ އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ސޮވެރިން ބޮންޑެއްވެސް އެބަ އޮތެވެ.
ލަންކާއިން ބޭރުގެ ދަރަނި ދެއްކުން ހުއްޓާލައި ޑިފޯލްޓް އިއުލާނުކޮށްފައިވާ އިރު, މިއީ 1948 ވަނަ އަހަރު އިނގިރޭސީންގެ އަތުން އެގައުމަށް މިނިވަންކަން ލިބުމަށްފަހު ކުރިމަތިވި އެންމެ ބޮޑު އިގުތިސާދީ ކާރިސާއެވެ.
އެގޮތުން ކާބޯތަކެއްޗާއި ތެލަށް ޖެހި އެގައުމުން ދަނީ ކަރަންޓު ކަނޑަމުންނެވެ. އަދި ސިއްހީ ވަސީލަތްތައް ހުސްވެ, އެތައް ބަޔަކު މަރުވެދާނެ ކަމުގެ އިންޒާރު ދެމުންދާ އިރު, އެކަމާ ނުރުހުންވެ, މީހުން މަގުތަކަށް ނުކުމެ ސިލްސިލާ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. އެ މުޒާހަރާތަކުގައި އެމީހުންދަނީ ރައީސް ގޯތަބަޔާ ރާޖަޕްކްސަގެ އިސްތިއުފާއަށްވެސް ގޮވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު