ވުމެން އިން މެނޭޖްމަންޓް (ވިމް)ގެ ޓޮޕް50 ގްލޯބަލް ކޮންފަރެންސް އަދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހީންނަށް ހުޅުވާލައިފިއެވެ.
ދުނިޔޭގެ ހުރިހާ ގައުމަކަށް ހުޅުވާލެވިގެން ވިމް އިން ފުރަތަމަ ފަހަރަށް ބާއްވާ މި ކޮންފަރެންސް އަދި އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހު 17 އަދި 18ގައި ޑުބާއީގައެވެ. މި އެވޯޑަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ ނިޔަލަށެވެ.
ވަން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިމްގެ ޗެއާޕާސަން ޑރ ސުލޯޗަނާ ސޭގެރާ ވިދާޅުވީ މި އެވޯޑަކީ ދުނިޔޭގެ ހުރިހާ ގައުމުތަކުގެ އަންހެނުންގެ އަގުވަޒަން ކުރުމުގެ ގޮތުން އުދައްފާފައިވާ އެވޯޑެއްކަމަށެވެ.
"އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ނުވަތަ ނޮމިނޭޓް ކުރުމުގެ ފުރުސަތު މި އޮތީ މި މަހުގެ ނިޔަލަށް. ބޭނުންވަނީ ވީހާވެސް ގިނަ ބައެއްގެ އަގު ވަޒަން ކުރަން. މިފަހަރުގެ އެވޯޑުގަ އިތުރު 50 ކެޓަގަރީއެއް ހިމަނާފަ ވާނެ." ޑރ ސުލޯޗަނާ ސޭގެރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލަށް ހިމަނާފައިވާ ދާއިރާތަކުގެ ތެރޭގައި، ތެރޭގައި ކެރިއާ، ޕްރޮފެޝަނަލް، ބިޒްނަސް އަދި އޯގަނައިޒޭޝަން ހިމެނެ އެވެ. އަދި ވަރަށް ތަފާތު ދާއިރާތައް ކަމަށް ވާ ވިމެން އިން ޕޮލިޓިކްސް އާއި ވިސިލްބްލޯވާ އެވޯޑު ވެސް ހިމެނެއެވެ.
ވިމް ގްލޯބަލް އެވޯޑުގެ ޖަޖުންގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން ފާހަގަކޮށްލެވޭ 12 ޖަޖަކު ހިމެނޭނެ ކަމަށް ޑރ ސުލޯޗަނާ ވިދާޅުވިއެވެ.
"ރެސިލިއެންސް އެންޑް ރީއިންވެންޝަން" ގެ ނަމުގައި މިފަހަރުގެ ގްލޯބަލް ކޮންފަރެންސް ބާއްވާއިރު ތަފާތު މައުލޫތަކަކަށް ދުނިޔޭގެ ނުވަ ގައުމަކުން ސްޕީކަރުން ބައިވެރިވާނެ ކަމަށް ޓޮޕް 50 ކޮންފަރެންސް ޗެއާ، މަޔަންތީ ފެރާންޑޯ ވިދާޅުވިއެވެ. އަދި މި ކޮންފަރެންސްގައި 10 ފަރާތަކަށް އެމީހުންގެ ވިޔަފާރީގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް މަޔަންތީ ވިދާޅުވިއެވެ.
މި ކޮންފަރެންސް އަދި އެވޯޑުގައި ބައިވެރިވުމަށް އޮންލައިން ރެޖިސްޓްރޭޝަން ފޯމެއް ފުރަންޖެހެއެވެ. 30 އޭޕްރިލްގެ ކުރިން ރެޖިސްޓްރީ ކުރާ ވިމްގެ މެންބަރުން ކޮންފަރެސްގައި އެކަނި ބައިވެރިވާނަމަ ދައްކަންޖެހެނީ 135 ޑޮލަރެވެ. ކޮންފަރެންސް އަދި އެވޯޑުގައި ބައިވެރިވާނަމަ ދައްކަން ޖެހެނީ 220 ޑޮލަރެވެ. ވިމްގެ މެންބަރެއް ނޫންނަމަ، އޭޕްރިލްގެ ނިޔަލަށް ރެޖިސްޓްރީ ކުރާނަމަ ކޮންފަރެންސްގައި ބައިވެރިވުމަށް ދައްކަން ޖެހެނީ 150 ޑޮލަރެވެ. ކޮންފަރެންސް އަދި އެވޯޑުގައި ބައިވެރިވުމަށް 250 ޑޮލަރެވެ.
ވަން މީޑިއާއަކީ މި ކޮންފަރެންސް އަދި އެވޯޑުގެ ގްލޯބަލް މީޑިއާ ޕާޓްނަރެވެ.
ވިމެން އިން މެނޭޖްމަންޓް (ވިމް) އަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ އޯގަނައިޒޭޝަނެކެވެ. ލަންކާގެ ވަޒީފާގެ ދާއިރާތަކުގައި އަދި ވިޔަފާރީގެ ދާއިރާތަކުގައި އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތް ކުރަމުންއަންނަ ވިމްގެ ގޮފިތައް ލަންކާގެ އިތުރުން ރާއްޖެ އަދި ކެނެޑާގައި ހުރެއެވެ. ވިމެން އިން މެނޭޖްމަންޓް (ވިމް) ގެ ރާއްޖޭގެ ގޮފި ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ) އިން ރާއްޖޭގެ އެކިދާއިރާތަކުން އަންހެނުން ކުރިއެރުވުމަށް ތަފާތު ހަރަކާތްތައް ހިންގަމުން ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު