ޝުކުރުވެރިވުމަކީ އިތުރު ކޮށްދެއްވާ ކަމެކެވެ. މާތް ﷲ، އިބްރާހީމް ސޫރަތުގެ ހަތްވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. ތިޔަބައިމީހުން ޝުކުރުވެރިވާނަމަ ހަމަކަށަވަރުން އިތުރުކޮށްދެއްވާހުށީމެވެ.

ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ، ﷲ އެ ނިއުމަތްތައް އިތުރުކޮށްދެއްވައި، އެމީހަކަށް ހިތްހަމަޖެހުމާއި، ކުރިއެރުން ގެނައުމަށް މަގުފަހިވާ ކަމެއްކަން، މި އާޔަތުންވެސް ދަލީލު ލިބިގެން ދެއެވެ.

މާތް ﷲ ސުބްހާނަހޫ ވަތައާލާ އެތައް ބައިވަރު ނިއުމަތްތަކެއް އިންސާނުންނަށް ދެއްވާފައިވެއެވެ. ކޮންމެ އިންސާނަކަށް ވެސް ތަފާތު އެކި ބާވަތްތަކުގެ ނިއުމަތްތައް ލިބިފައިވެއެވެ. ﷲ ރުހިވޮޑިގަންނަވާ ގޮތަކީ، ގިނަގިނައިން އެ ނިއުމަތްތައް ހަނދުމަކުރުމެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ލިބިފައިވާ ނިއުމަތްތައް ގިނަގިނައިން ހަނދާންކުރާ ބަޔަކަށް އަޅުގަނޑުމެން ވާން ޖެހެއެވެ.

https://www.youtube.com/watch?v=T5RC1p01iq8

"މިސާލަކަަށް އަމިއްލަ ނަފްސުގައިވާ ނިއުމަތްތަކަށް ބަލާއިރު ވެސް ވަރަށް ގިނަ ނިއުމަތްތައް ލިބިފައިވޭ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ހަމަ، މިލިއަނުން ގުނާ އަދަދު ނުކުރެވޭހާ ގިނަ ނިއުމަތްތައް ދެއްވާފައިވޭ. މިސާލަކަށް ފެނުމުގެ ނިއުމަތް، އިވުމުގެ ނިއުމަތް، ވާހަކަ ދެއްކުމުގެ ނިއުމަތް، ހިނގާ ބިނގާވެ އުޅުމުގެ ނިއުމަތް، މިއީ ހައްތަހާވެސް ނިއުމަތް. އެހެންވީމާ މި ހުރިހާ ނިއުމަތްތައް ގިނަގިނައިން ހަނދާން ކުރާނަމަ، ﷲ އަށް ޝުުކުރުވެރިވާން ހަނދާންވާނެ. އަދި ﷲ އަށް ޝުކުރުވެރިވާއިރުވެސް ހިތުގެ އަޑިން އެ އިހުސާސާއި ޝުއޫރާއެކު ޝުކުރުވެރިވުން މުހިއްމު. އަޅުގަނޑުމެން އަލްހަމްދު ލިއްލާހި، ﷲ އަށް ހަމްދު ހުއްޓޭ ބުނާއިރު ވެސް އެ އިހުސާސް ގެނައުން އެއީ ވަރަށް މުހިއްމުކަމެއް. މިސާލަކަށް ވަރަށް ރީތި މަންޒަރެއް ފެންނަނީ، އެ ރީތި މަންޒަރު ފެނުނީމަ ސުބުހާނަﷲ އަލްހަމްދު ލިއްލާހި ކިޔާއިރުވެސް ﷲ ދެއްވި ނިއުމަތުގެ މަތިވެރިކަން ހިތަށް ތަސައްވުރު ކުރުން މިއީ ވަރަށް މުހިއްމުކަމެއް،"

އެހެންކަމުން އަމިއްލައަށް ލިބިފައިވާ ނިއުމަތްތައް ގިނަގިނައިން ހަނދާންކުރާ ބަޔަކަށް، އަޅުގަނޑުމެން އަބަދުވެސް ވާންވާނެއެވެ. އޭރުން "ހިތްހަމަޖެހުން ލިބުމާއި، އަބަދުވެސް ވަރަށްބޮޑަށް ޕޮޒިޓިވްކޮށް ވިސްނުމަށް ވެސް މަގުފަހިވެގެން ދާނެ،"

ޝުކުރުވެރިވުމަށް ވަރަށް ގިނަ ގޮތްތައް ހުރެއެވެ. އެއީ ހިތުން ޝުކުރުވެރިވުމާއި، ދުލުން ޝުކުރުވެރި ވުމެވެ. މިގޮތުން ﷲ ސުބްހާނަހޫ ވަތައާލާގެ ރުުހިވޮޑިގަތުން ލިބޭގޮތަށް ޝުކުރުވެރިވާ ބައެއްގެ ގޮތުގައި ވުން ވަރަށް މުހިއްމެވެ.

މެސެޖު ދެއްވީ: ޑރ. އަނާރާ ނައީމް / އިލްމު އިންސްޓިޓިއުޓް