ރޯދަމަހުގެ ވަކި ވަގުތުތަކެއްގައި މާރުކޭޓް ސަރަހައްދު ހަތަރު ފުރޮޅުލީ އުޅަނދުތައް ވަނުން މަނާވާނެ ކަމަށް ފުލުހުން އެންގުމުން ފިހާރަތަކުން ފެން ލިބުން ދަތިވެއްޖެއެވެ.

ބާޒަރުމަތީގައި ފިހާރަ ހިންގާ ފަރާތަކުން "ވަން" އަށް މައުލޫމާތު ދެމުން ބުނީ، މިއަދު ހެނދުނު އެ ފިހަރާއިން ފެން ހުސްވެފައިވާ ކަމަށާއި ފެނަށް އޯޑަރު ދިނުމަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދޭ ކަމަށެވެ.

އެ ފިހަރާއިން މިހާރު ފެން އެއްކޮށް ހުސްވެފައިވާ ކަމަށާއި ބާޒަރުމަތީ ބައެއް ފިހާރަތަކުން ފެން ވިއްކަނީ ލިމިޓް ކޮށްގެން ފިހާރައަކަށް ފަސް ކޭސް ކަމަށް ވެސް އޭނާ ބުންޏެވެ.

"މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ފެން ހުސްވެފައި. އޯޑަރު ދޭން ތަކުރާރުކޮށް ގުޅުމުން ވެސް އެމީހުން ޖަވާބެއް ނުދޭ. ދެ ތަނަކަށް ގުޅިން، ތާޒާ އާއި ބޮނަކުއާ. މިތާ ކައިރި ފިހާރަތަކުން ވިއްކަނީ ފަސް ކޭހަށް ލިމިޓް ކޮށްގެން،" އޭނާ ބުންޏެވެ.

އެކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިރޭ "ވަން" އަށް ވިދާޅުވީ، ރޯދަ މަހު މާލޭގެ ހުރިހާ ހިސާބަކަށް ޓްރެފިކް ބާރު ބޮޑުވާތީ، ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ނޫން ވަގުތުތަކުގައި ބޮޑެތި ޕިކަޕުތައް މާލޭގައި ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފައިވާތީ ފިހާރަތަކަށް ފެން ޑެލިވާ ކުރަން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ޝާހު ވިދާޅުވީ، އެހެންވުމުގެ ސަބަބުން ފިހާރަތަކަށް ފެން ޑެލިވާ ނުކުރެވި ތިން ދުވަހުގެ ބެކްލޮގެއް އެބަ އޮތް ކަމަށާއި އެކަން ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"ހެނދުނުއްސުރެ ޓްރާންސްޕޯޓަށް ގުޅައިގެން ޝަކުވާ އެބަކުރަން ތިކަމުގެ. ފިހާރަތަކުން ވެސް އަޅުގަނޑުމެންނަށް އެބަގުޅޭ. ޓްރެފިކަށް ބަދަލު ގެނައުމުގެ ސަބަބުން ބެކްލޮގެއްގައި މި އުޅެނީ. އެއީ ތިން ދުވަހުގެ ބެކްލޮގެއް. އަސްލު މިއުޅެނީ ޕްރޮޑަކްޝަން އިޝޫއެއް ނޫން، ޑެލިވަރީ އިޝޫއެއް. އެވެސް ޓްރެފިކަށް ބަދަލު ގެނައުމުގެ ސަބަބުން،" ޝާހު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ ފެނަކީ އަސާސީ އެއްޗެކަށްވާ އިރު، އެކަން ހައްލުކުރުމާ ގުޅޭގޮތުން ރައީސް އޮފީހާވެސް މަޝްވަރާކޮށްފައިވާ ކަމަށާއި މާދަމާ ހެނދުނު ފެން ޑެލިވަރީ ކުރުމުގައި ދިމާވެގެން އުޅޭ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

"ފެން އުފައްދައިގެން ގެންނަން މިޖެހެނީ ވެސް މާލެއަށް ހުޅުމާލެއިން، އެކަމަކު ބޮޑެތި ޕިކަޕްތައް ނުދުއްވޭ ގޮތަށް ދުވާލު އޮތުމުން ފެން ޑެލިވާ ނުކުރެވި މިދަނީ. އެހެންވެ އެކި ފިހާރަތަކަށް ސައިޒަށް ބަލާފައި ލިމިޓްކޮށް ފެން މި ޑެލިވާކޮށްދެނީ. މިއީ ޒަރޫރީ ކަމެއްވީމަ ޓްރާންސްޕޯޓުގައި ދެންނެވީމާ ބުނީ އެބަ ހައްލުކޮށްދެމޭ،" ޝާހު ވިދާޅުވިއެވެ.

‏މާރުކޭޓު ސަރަހައްދުގެ ޓްރެފިކް މެނޭޖުކުރުމަށްޓަކައި ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށް އެ ސަރަހައްދު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދުކުރުމަށް ފުލުހުން މިއަދު ވަނީ ނިންމައިފައެވެ. ބާޒަރުމަތީ ގިނަ ފިހާރަތަކުން ފެން ހުސްވެފައިވާ އިރު، ޝާހު ވިދާޅުވެފައިވާ ގޮތުގައި މާދަމާ ބާޒާރުމަތީ ފިހާރަތަކަށް ވެސް ފެން ފޯރުކޮށްދެވޭނެއެވެ.