ރަމަޟާން މަސް ފެށިގެން ކުރިއަށް މިދާ ދިއުމުގައި، ރަމަޟާން މަހަށް މަރުހަބާ ކިޔަން އަޅުގަނޑުމެން އެންމެން މިތިބީ ތައްޔާރުވެގެންތޯ ބަލަންޖެހެއެވެ. ނޫނީ ރަމަޟާން މަސް އަޅުގަނޑުމެންނާ ހަމައަށް މިއައީ އަޅުގަނޑުމެން އެކަމަށް ތައްޔާރުވެގެން ތިއްބައިތޯ، އެއީ އަޅުގަނޑުމެން ހިތަށް ގެންނަންވީ ސުވާލެކެވެ.

އެއީ ޖަވާބު ހޯދައިލުމަށް އަޅުގަނޑުމެންގެ އަމިއްލަ ނަފްސާވެސް ކޮށްލަން ޖެހޭ ސުވާލެކެވެ.

ސަލަފުއްސާލިހުން ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ ގޮތުން، އެ މަސް ލައިގަތުމުގެ ކުރިން އެބޭކަލުން ރޯދަ ހިއްޕަވަން ފެއްޓެވި ކަމަށް ބައެއް ރިވާއަތްތަކުގައި އައިސްފައިވެއެވެ. ހަމަ އެެފަދައިން ކީރިތި ރަސޫލާ ވެސް ޝައުބާން މަހު ރޯދަ ހިއްޕެވި ކަމަށް އައިސްފައިވެއެވެ.

ކޮންމެއަކަށް ރޯދަ މަހުގެ ދުވަސްތަކާއި ރޭތައް އަޅުގަނޑުމެން ގުނަމުން މިދާއިރު، އެހެން މަސްތަކާއި ދުވަސްތަކުގައި، އިސްކަން ނުދޭހާ ބޮޑަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސް މިމަހު، ފަރުޟު ފަސް ނަމާދު ވަގުތުން ވަގުތަށް އަދާކުރެވޭތޯ އެބަ މަސައްކަތް ކުރެއެވެ.

އެހެންވީމާ ރަމަޟާން މަހުގެ ތެރޭގައި ތިމާގެ ނަފްސަށް މި ލިބިގަންނަ ތަރުބިއްޔަތު، މުޅި އަހަރު ދުވަހަށް ދަމާލަން އެބަޖެހެއެވެ. ރަމަޟާން މަސް ނިމުމުން، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ އެހާ ބޮޑަށް ދީނީ ކަންކަމަށް ސަމާލުކަންދޭ ބައެއް ނޫނެވެ. އެހެންވީމާ އެގޮތަށް ނަހައްދަވައި ރަމަޟާން މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މި ލިބޭ ފިލާވަޅުތަކާއި، މި ލިބޭ ތަދުރީބުތައް މުޅި އަހަރު ދުވަހަށް ދަންމަވާލެވޭނެ ކަހަލަ ގޮތަކަށް ނަފްސުތައް ތަރުބިއްޔަތު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން ޖެހެއެވެ.

އެހެންވީމާ އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އަޅުކަންތަކަށް ލޯބިކުރާ، އަދި ހުއްޓުމެއްނެތި އެއްވެސް ދުވަހެއްގެ އެއްވެސް ނަމާދެއް އެޅުމެއްނެތި، ބަރާބަރަށް ނަމާދު ގާއިމުކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ލެއްވުމެވެ.

މެސެޖު ދެއްވީ: އަލްއުސްތާޛް އުސާމް މުހައްމަދު / އިލްމު އިންސްޓިޓިއުޓް