ދިވެހިންގެ މެދުގައި މަގުބޫލު ލަންކާގެ ޕްރަސަންނަ މަނީ އެކްސްޗޭންޖަށް ދީފައިވާ ފައިސާ މާރުކުރުމުގެ ހުއްދަ, އެގައުމުގެ މަރުކަޒީ ބޭންކުން އަތުލައިފިއެވެ.

ލަންކާގެ ވެއްލަވައްތަ ސަރަހައްދުގައި ހުންނަ ޕްރަސަންނަ އަކީ އާންމުކޮށް އެންމެ ބޮޑު އަގުގައި ޑޮލަރު މާރުކޮށްދޭ ތަނެވެ. ދިވެހިން އެންމެ ގިނައިން ޑޮލަރު މާރުކުރަނީ އެތަނުންނެވެ. ދިވެހިން ދެން އެންމެ އާންމުކޮށް ޑޮލަރު މާރުކުރަނީ ޕެޓާ މާރުކޭޓުންނެވެ.

ލަންކާގެ މަރުކަޒީ ބޭންކުން އެ ހުއްދަ ވަގުތީ ގޮތުން އަތުލީ ބޮޑު އަގުގައި ފައިސާ މާރުކޮށްދޭ ކަމަށް ބުނެ އާންމުންގެ ފަރާތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ބޭންކުގެ ފޮރިން އެކްސްޗޭންޖް ޑިޕާޓްމަންޓުން އެތަނަށް ގޮސް ކުރި ތަހުގީގަކަށް ފަހު އެވެ.

މިދިޔަ ބުދަ ދުވަހު ކުރި ތަހުގީގުން އެނގުނު ގޮތުގައި, ޕްރަސަންނައިން ފައިސާ މާރުކޮށްދެނީ ލައިސެންސް ބޭންކުތަކުން އެތަނަށް ދީފައިވާ ހުއްދައަށް ވުރެ ބޮޑު ކޮށެވެ. އަދި އެތަނުން އަމަލުކުރަމުންދަނީ ފޮރިން އެކްސްޗޭންޖް ގާނޫނުގެ ދަށުން މަނީ ޗޭންޖަރުންނަށް ދީފައިވާ އެންގުންތަކާ ހިލާފަށެވެ.

މިކަމާ ގުޅިގެން އިއްޔެ އިން ފެށިގެން ޕްރަސަންނައަށް ދީފައިވާ ހުއްދަ އަތުލާފައިވާ އިރު, އެތަނުން ފައިސާ މާރު ނުކުރުމަށް މަރުކަޒީ ބޭންކުން އާންމުންނަށް ވަނީ އަންގައިފައެވެ.