ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި މާދަމާ ނަމާދުކުރަން ފަށާއިރު އެތަނުގެ އިމާމެއްގެ ގޮތުގައި އިސްލާމީ މަރުކަޒުގެ އިމާމެއްގެ ގޮތުގައި ހުންނެވި ބ. ކެންދޫ އެއްގަމުގޭ ނަސްރުﷲ އަލީ ހަމަޖައްސައިފިއެވެ.

ނަސްރުﷲ އަލީ އިސްލާމީ މަރުކަޒުގެ އިމާމެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 8 އެޕްރީލް 2019ގައެވެ.

ނަސްރުﷲ އަލީ އަކީ މިސްރުގެ އަޒްހަރު ޔުނިވަސިޓީން، އިސްލާމިކް ޝަރީއާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މާދަމާ އެ މިސްކިތުގައި ހުތުބާ ދެއްވައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ ދީނީ އިލްމްވެރިޔާ އިލްޔާސް ހުސެއިން ކަމަށެވެ.

ދިހަހާސް މީހުންގެ ޖާގައިގެ ސަލްމާން މިސްކިތުގައި މާދަމާގެ ހުކުރު ނަމާދު ކުރާނެއެވެ. އެ މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް އެ މިސްކިތުގައި ދެން ހުރިހާ ވަގުތެއްގައިވެސް ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެ މިސްކިތުގައި ތަރާވީހު ނަމާދާއި ދަމުނަމާދުވެސް އޮންނާނެއެވެ.

ހަ ފަންގިފިލާގެ ސަލްމާން މިސްކިތް އަޅާފައިވަނީ 25 މިލިއަން ޑޮލަރަށެވެ. އެ މިސްކިތުގައި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ގުރުއާން ކިޔަވައިދޭ ސެންޓަރަކާއި ސެމިނާ ހޯލްތަކާއި ކްލާސްރޫމްތައް ހިމެނެއެވެ.