ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓުތައް އަންނަ ޖޫން މަހު އެކުންފުންޏާ ހަވާލުކުރާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް މިއަދު ވިދާޅުވެއްޖެ އެވެ.
'ވަން' އާ ވާހަކަދައްކަމުން ޝާހު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުން ތިބީ ފްލެޓްތައް ނިމި އެތަންތަނަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށާއި ފްލެޓްތަކުގެ މަސައްކަތް ވަަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ފްލެޓް އިމާރާތްކުރަ ކޮންޓްރެކްޓަރާ ވަރަށް ފަހުންވެސް ބައްދަލުކުރެއްވި ކަމަށާއި އަންނަ މެއި ނުވަތަ ޖޫން މަހަށް ފްލެޓްތައް ނިންމާލައި އެކުންފުންޏާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ދީފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން ޓައިމް އެކްސްޓެންޝަނޭއް ދީގެން މިއުޅެނީ. އެހެންވީމަ ޖޫންގަ އަޅުގަނޑުމެން އަތަށް އެއްކޮށް އަރާނެ. ދެން ކޮންޓްރެކްޓަރާވެސް އަޅުގަނޑުމެން ވަރަށް ފަހުން ބައްދަލު ކުރިން. ވަރަށް ބޮޑަށް ނިމިފަ ހުރީ ފިނިޝިންތަކާ އެއްޗެހިވެސް" ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން އެ ކުންފުންޏަށް ލިބިފައިވާ ދެ ބިމުގެ ތެރެއިން އަނެއް ބިމުގައިވެސް ޓަވަރެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި ކުންފުނިން އަބަދުވެސް ބަލަނީ މުވައްޒަފުންނަށް ރަނގަޅު ގޮތް ވުން ކަމަށާއި ރޯދަ އިނާޔަތުގެ ގޮތުގައި މި އަހަރުވެސް މުވައްޒަފަކަށް 6،000ރ ދީފައިވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީ އަށް 27 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހެނދުނު އަހްމަދިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ޓާފް ދަނޑުގައި ކޭކު ފެޅުމުގެ ހަފުލާއެއްވެސް ވަނީ ބާއްވާފައެވެ. މި ހަފްލާގައި ޝާހު ވަނީ ފްލެޓްތައް ޖޫން މަހުގައި ނިމޭނެ ކަމުގެ އުފާވެރި ހަބަރު މުވައްޒަފުންނަށްވެސް ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު