މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މިއަދު ހުޅުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އެޕްރީލް މަހުގެ ދެވަނަ ދުވަހުން ފެށިގެން މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ގައުމީ އިނާމަށް މިއަހަރު ހުޅުވާލަނީ މައިގަނޑު 34 ދާއިރާއަކުންނެވެ. މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކޮށް، ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށާއި އަދި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންވެސް މިއަހަރު އިނާމަށް ނަން ހުށަހެޅޭނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމާއި، ފޯމާއެކު ހުށަހަޅަން ޖެހޭ އެހެނިހެން މައުލޫމާތާއި ތަކެތި ފޮނުވާނީ، "ގައުމީ އިނާމާބެހޭ ކޮމިޓީ" އަށް އެޑްރެސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ގައުމީ އިނާމާބެހޭ މައުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރުމަށް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ހާއްސަ ޕުރޮގުރާމުތަކެއް މިއަހަރުވެސް ކުރިއަށް ގެންދިޔުމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މައުލޫމާތު ދިނުމަށްވެސް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވައިފައެވެ.