ސްޓެލްކޯގެ ސާވާއަށް މިދިޔަ ހަފުތާގައި ދިން ރެންސަމްވެއާ ހަމަލާގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެކުންފުނީގެ ސާވާއަށް ދިން ރެންސަމްވެއާ ހަމަލާއާ ގުޅިގެން އެ ކުންފުނީގެ އައިޓީ ނެޓްވޯކް މެދުވެރިކޮށް ދެމުން އައި ހިދުމަތްތަކާއެކު ކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަނާއި މޯބައިލް އައުޓްލެޓްތަކާއި ހިދުމަތްދޭ ކައުންޓަރުތަކުން ދެމުންދާ ހިދުމަތްތައް މެދުކެނޑުނު ކަމަށެވެ.
މިހަމަލާގެ ސަބަބުން ސްޓެލްކޯގެ އައިޓީ ނެޓްވޯކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ކުންފުނީގެ ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ހަމަލާގެ ސަބަބުން ދިމާވި މައްސަލަތައް އަދިވެސް އެއްކޮށް ރަނގަޅުކުރެވިފައި ނުވިނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ކުންފުނީގެ ހެޑް އޮފީހުން ފޯރުކޮށްދޭ ހިދުމަތަށް އެދި ފޯމް ހުށަހެޅުމާއި ބިލްދެއްކުމުގެ ހިދުމަތް ފެށިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ، މި ހަމަލާގެ ސަބަބުން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، މެދުކެނޑިފައިވާ ހިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކާއި މަޝްވަރާކުރެވި، އެފަރާތްތަކުގެ ލަފާ އާއި އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ. އަދި މި މައްސަލަ ބަލައި ތަހުގީގުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް ހުށަހަޅާފައިވާކަންވެސް ފާހަގަކުރުން،" ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ، މި މައްސަލަ ހައްލުކޮށް، އެ ކުންފުނިން ދެމުން އަންނަ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައްވެސް އަޅަމުން އަންނަ ކަމަށް ބުންޏެވެ.
ސްޓެލްކޯއިން ވަނީ އެކުންފުނީގެ ސާވާއަށް ދިން ރެންސަމްވެއާ ހަމަލާގެ ސަބަބުން ހިދުމަތްތައް މެދުކެނޑިފައިވާތީ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު