ބާވެ ވީރާނާ ވެފައި ހުރި ގެއެއްގައި ދިރިއުޅެމުންދިޔައީ ކާނެ އެއްޗެއް ލާނެ އަންނައުނެއް ނެތެވެ. އުމުރުން 18 އަހަރު ނުފުރޭ ހަތަރު ދަރިންނާއެކު ވަރަށް ހާލުގަ އެވެ. އައިޝާ (އަސްލު ނަމެއްނޫން)ގެ ހާލަތު މަމްސް އެންޖީއޯ އިން މީގެ ކުރިންވެސް ވަރަށް ތަފުސީލުކޮށް ވަނީ ކިޔައިދީފަ އެވެ.

ކުދިން ނިދަން ތިބެނީ ބިންމަތީގައި ތުނި ގޮދަޑި އެއް އަޅައިގެންނެވެ. އައިޝާ އާއި އޭނާގެ ކުޑަކުޑަ ދަރީންކޮޅު އުޅެމުން އައީ، ބާވެ ވީރާނާ ވެފައިވާ އެންމެ ކޮޓަރިއެއްގަ އެވެ. ދެން އެ ގޭގައި ހުންނަނީ ބަދިގެއަކާއި ގެއާއި ތަންކޮޅެއް ދުރުގައި ކުޑަކޮށް ހިޔާކޮށްފައި ހުންނަ ގިފިއްޔެކެވެ.

އައިޝާގެ ހާލަތު މަމްސް އެންޖީއޯ އާ ހިއްސާކުރަމުން އޭނާ ބުނީ ވާރޭ ވެހޭ އިރެއްގައި މުޅި ގޭތެރޭގައި ފެންބޮޑުވާ ކަމަށެވެ. ބިންމަތީގައި އަޅާފައި އޮންނަ ތަރަފާލުގަނޑު ހަލާކުވެފައިވާއިރު ކުދި ދަރީންކޮޅާއެކު އައިޝާވެސް ނިދަނީ އެތާނގައި ކަމަށް އޭނާ ބުނެފައިވެ އެވެ.

އައިޝާ އެ ގޭގައި އުޅޭތާ މިހާރު 11 އަހަރު ވެފައިވާއިރު އެއީ ކުރިން ފަޅަށް ހުރި ގެއެކެވެ. އެކަމަކު އެގެ އައިޝާއަށް ދިނީވެސް އޭނާ ދަރިންނާއެކު އުޅެމުންދާ ހާލު ފެނި މީހަކު ހަމްދަރުދީވެގެންނެވެ. ގެ ކިތަންމެ ބަލަސް ދަރިން ގޮވައިގެން ބޯހިޔާ ކޮށްލާނެ ތަންކޮޅެއް ލިބުނީތީ އައިޝާ ޝުކުރިވެރިވެ އެވެ.

ނިކަމެތި އާއިލާތަކާއި އެކަނިވެރި މައިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މަމްސް ޖަމިއްޔާއިން އައިޝާ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރު މަހުގަ އެވެ. އެގޮތުން އާންމުންނާއި ހެޔޮއެދޭ ފަރާތްތަކުން މި އާއިލާއަށް އެހީތެރިވުމަށް މިދިޔަ މަހުގެ ނިޔަލަށް 213000 ރުފިޔާ ވަނީ ހަދިޔާ ކޮށްފަ އެވެ.

މި އެހީއާއެކު މަމްސް ޖަމިއްޔާއިން އައިޝާގެ ގެ ރީތިކޮށް ޒަމާނީ ފެންވަރަށް ވަނީ ހަދައިދީފަ އެވެ. ރީތި ކޮޓަރިއަކާއި ބަދިގެއަކާއި ފާހާނާ އަކާއި ކުދިން ކިޔަވަން ތިބޭނެ ތަނެކެވެ.

މި މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަމްސް އެންޖީއޯގެ ފަރާތުން ރީޝް ނަސީމް "ވަން" އަށް ބުނީ ލިބުނު އެހީގެ އިތުރުންވެސް އެ ގޭތެރޭގެ އެކި ކަންކަމަށް އިތުރަށްވެސް ފައިސާ ހަރަދު ކޮށްފައިވާ ކަމަށެވެ. އައިޝާގެ ގެ ހަދައި ނިމެންދެން އެހެން ތަނެއް ކުއްޔަށް ހިފައިފައި ބެހެއްޓީވެސް އެ ޖަމިއްޔާގެ ފަރާތުން ކަމަށާއި ކުދިންނާއި އައިޝާއަށް ބޭނުންވާ ކާބޯތަކެތި އެ ޖަމިއްޔާއިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ދެކުނުގެ ރަށަކަށް ނިސްބަތްވާ އައިޝާގެ ގެއަށް ބޭނުންވާ ފަރުނީޗަރާއި ހިފައި ގެންގުޅޭ ހުރިހާ ސާމާނެއްވެސް ބަޖެޓު ކަނޑައެޅިގެން ގަނެފައިވަނީ، މުޅިން އާ ސާމާނު ކަންވެސް ރީޝް ފާހަގަކުރި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބެލިން ވިޔަފާރިވެރިންގެ އެހީ މި އާއިލާ އަށް ލިބޭތޯ. ފަރުނީޗަރު ފަދަ ތަކެތި ހިލޭ ފޯރުކޮށްދޭތޯ. އެކަމަކު އެކަން ނުވި. ދެން ލިބިފަ ހުރި އެހީން އެ ގެ ހަދައި ފަރުނީޗަރާއި ހުރިހާ އެއްޗެއް މި ގަތީ. އަޅުގަނޑުމެން އަސްލު ވަރަށް އުފާވޭ މިކަހަލަ ހަރަކާތްތަކަށް އާންމުންގެ އެހީވެސް ލިބޭތީ. އަދި މިފަދަ ނިކަމެތި އާއިލާތަކަށް މިކަހަލަ އެހީ ވެދެވޭތީ ވަރަށް ބޮޑަށް އުފާވޭ." އޭނާ ބުންޏެވެ.

ރީޝް ބުނީ މިފަދަ އިތުރު ޕްރޮޖެކްޓުތައް މިއަހަރުވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

އެއް މަސް ދުވަހުގެ ތެރޭގައި މަމްސް ޖަމިއްޔާއިން ވަނީ އައިޝާގެ އާއިލާއަށް އާ ދިރިއުޅުމެއް ހޯދައިދީފަ އެވެ. ފާރުތަކުގައި ސިމެންތި ޖަހައި ކުލަ ލައިދީފައެވެ. ކުރިން ބިންމަތީގައި އިށީނދެ ތިބެގެން ކިޔަވަމުން ދިޔަ 14 އަހަރުގެ ކުއްޖާއަށް މޭޒަކާއި ގޮނޑިއެއް ހޯދައިދިނެވެ. ބިންމަތީގައި ގޮދަޑި އަޅައިގެން ނިދަމުން އައި ކުދިންނަށް ރީތި އެނދާއި ގެއަށް ބޭނުންވާ އެހެން ފަރުނީޗަރުތައް ހޯދައިދިނެވެ. ކުޅޭތަކެއްޗާއި އަންނައުނު ހޯދައިދިނެވެ. ބަދިގޭގެ ސާމާނުތައް ހަމަކޮށްދީފިވެ.

އައިޝާގެ ހަތަރު ކުދިންނަނީ ދެ މީހަކާއި އިނދެގެން ލިބިފައިވާ ކުދިންނެވެ. ނަމަވެސް މިއަދު ކުދިންގެ ބައްޕަ އައިޝާ އެކަނި ކޮށްލީ އެވެ. ދަރިންނަށްވެސް އެ ކުދީންގެ ބައްޕަ ހަރަދު ނުކުރާ ކަމަށް އައިޝާ އާ ހަވާލާދީ މަމްސް އިން ވަނީ ބުނެފަ އެވެ.

އެކަނިވެރި މައިންނަށް ލިބޭ ފައިސާވެސް އައިޝާ އަކަށް ނުލިބެ އެވެ. ސަބަބަކަށް ވަނީ ލިޔެކުޔުންތަކެއް ހަމަނުވާތީ ކަމަށެވެ. އެހެން ކަމުން މަމްސް އިން އަންނަނީ އައިޝާ ކުރާ މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދޭނެ ގޮތް މަގުފަހި ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ ހަދާ ކުޅިރޮށި ބާޒާރުގައި ވިއްކުމަށް އެހީތެރިވެދޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

މީގެ ކުރިންވެސް މަމްސް ޖަމިއްޔާއިން ވަނީ މިފަދަ އެކަނިވެރި މައިންނާއި ނިކަމެތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށްފަ އެވެ.