ރެންސަމްވެއާ އެޓޭކާއި ގުޅިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ބައެއް ހިދުމަތްތައް މެދުކެޑިފައިވާތީ، އަލުން ފެށުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ އެ ކުންފުނީގެ ބައެއް ހިދުމަތްތައް ހެޑް އޮފީހުން ލިބޭނެގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން ހިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި، ބިލް ދެއްކުމުގެ އިންތިޒާމްތައް މިހާރު ހެޑް އޮފީހުން ހަމަޖައްސާފައި ކަމަށެވެ.

ސްޓެލްކޯގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ދެމުންއައި ހިދުމަތްތަކާއި، ރަށްރަށުން ފޯރުކޮށްދެމުން އައި ހިދުމަތްތައް މާދަމާ އަލުން ފެށުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ރެންސަމްވެއާ އެޓޭކަކާ ގުޅިގެން އެ ކުންފުނީގެ ހިދުމަތްތައް މެދުކެނޑުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހިދުމަތްތައް އަލުން ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.