ތިރީސް ހަ އަހަރަށްފަހު ކެނެޑާއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.
ކެނެޑާއިން ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކުރީ އުތުރު އެމެރިކާގެ ކޮލިފައިންގައި ރޭ ޖެމެއިކާ އަތުން 4-0 އިން މޮޅުވެގެންނެވެ. މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކެނެޑާއިން ފުރުސަތު ހޯދި އިރު، މީގެ ކުރިން އެންމެފަހުން އެގައުމުން ވޯލްޑް ކަޕެއްގައި ކުޅެފައި ވަނީ 1986 ވަނަ އަހަރުއެވެ.
ވޯލްޑް ކަޕަށް ކެނަޑާ ކޮލިފައިވީ ކޮލިފިކޭޝަންގައި ބާކީ އެއް މެޗު އޮއްވައެވެ. އުތުރު އެމެރިކާގެ ކޮލިފައިންގައި އަށް ޓީމު ވާދަކުރާއިރު، ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭނީ ކޮލިފިކޭޝަން ނިމޭ އިރު، ތާވަލު އެންމެ ކުރީގައި އޮންނަ ތިން ޓީމަކަށެވެ. ހަތަރު ވަނަ ޖެހޭނީ އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްގައި ވާދަކުރާށެވެ.
ބާކީ އެއް މެޗު އޮތް އިރު، ކެނަޑާ އެއްވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓާ އެކުގައެވެ. ދެން ބާކީ އޮތް ދެ ޖާގައަށް ވާދަކުރަނީ ތިން ޓީމެކެވެ. އެއީ ދެ ވަނައިގައި އޮތް އެމެރިކާ، ތިން ވަނައިގައި އޮތް މެކްސިކޯ އަދި ހަތަރު ވަނައިގައި އޮތް ކޮސްޓަރީކާއެވެ.
ރޭ ޖެމެއިކާ ކޮޅަށް ކެނަޑާގެ ގޯލުތައް ޖެހީ ސީލް ލަރީން، ޓޭޖަން ބުޝާނަން، ޖޫނިއާ ހޮއިލެޓް އަދި އޭޑްރިއަން މަރިއާޕާ އެވެ.
ކެނަޑާއާ ހަވާލުވެހުރި އިނގިރޭސި ކޯޗު ޖޯން ހާޑްމަން އަކީ އެ ގައުމުގެ ކުރީގެ އަންހެން ޓީމުގެ ކޯޗެވެ. އޭނާ ކެނެޑާގެ ފިރިހެން ޓީމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އޭގެ ކުރިން އަންހެން ޓީމާއެކު ހާޑްމަން ވަނީ 2012 އަދި 2016 ވަނަ އަހަރު އޮލިމްޕިކްސް ލޯ މެޑަލް ހޯދައިފައެވެ.
"ވޯލްޑް ކަޕަށް ކޮލިފައިވުމާއެކު ސާބިތުވެގެން ދިޔައީ ކެނެޑާއަކީ ރަސްމީކޮށް ފުޓުބޯޅަ ގައުމެއްކަން. އަހަރެމެން ވޯލްޑް ކަޕަށް ކޮލިފައިވާ ވާހަކަ ބުނުމުން އެއްވެސް މީހަކު ޔަގީންކަމާއެކު އެކަން ގަބޫލު ނުކުރާކަންވެސް އެނގޭ. ގަބޫލު ނުކުރިޔަސް އެ އެންމެންނަށްވެސް އަހަރެން އުފާކުރަން. ސަޕޯޓަރުންގެ އިންތިޒާރަށް ނިމުން ގެނެސްދެވުނީތީ ވަރަށް ބޮޑަށް އުފާވޭ،" ކޯޗު ހާޑްމަން ބުންޏެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު