ކިންގް ސަލްމާން މިސްކިތުގައި އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ނަމާދު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
ސައޫދީ ރަސްގެފާނުގެ ހިލޭ އެހީގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާއެކުއެވެ.
އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް ހަ ބުރިއަށް ހަދާފައިވާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އެއްކޮށް ނިމިފައި ހުންނަތާ އެތައް ދުވަހެއް ވެފައިވީ ނަމަވެސް އެ މިސްކިތް ހުޅުވައި ނަމާދުކުރަން ފަށާފައެއް ނުވެއެވެ. ސަބަބެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނަނީ, އެ މިސްކިތަކީ ސައުދީގެ އެހީގައި އިމާރާތްކުރި މިސްކިތަކަށް ވެފައި އެބޭފުޅުންގެ ވެސް ބައިވެރިވުމާއެކު އެތަން ހުޅުވަން ބޭނުން ވުމެވެ.
ނަމަވެސް މިއަހަރުގެ ރޯދައިގެ ކުރިން އެތަނުގައި ނަމާދުކުރަން ފަށާނެ ކަމަށް ސަރުކާރުން އޮތީ ބުނެފައެވެ.
އަންނަ ރޯދަމަހަށް ސަރުކާރުން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވިޔަސް، އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން އެ މިިސްކިތުގައި ނަމާދު ކުރަން ފަށާނެ ކަމަށެވެ.
"އެ މިސްކިތް ރަސްމީކޮށް ފަހުން ހުޅުވާނަން" ވަކި ތާރީހެއް ނުދެއްވައި މިނިސްޓަރު ވިދާޅުވިއެވެ.
ސައުދީގައި އިނގިރޭސި ބަހުން ނެރެމުން އަންނަ ނޫހެއް ކަމަށްވާ, އަރަބް ނިއުސްއަށް ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުން, ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވާނީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު