ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއް ބަހަން އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ.

ބީއެމްއެލްގެ ބޯޑުން ނިންމާފައިވާ ގޮތުގައި ހިއްސާއަކަށް 35 ރުފިޔާގެ މަގުން މި އަހަރުގެ ފައިނަލް ޑިވިޑެންޑް (ހިއްސާގެ ފައިދާ)ގެ ގޮތުގައި 188.9 މިލިއަން ރުފިޔާ ބަހާނެއެވެ. މިދިޔަ އަހަރު ބީއެމްއެލުން ބަހާފައިވަނީ ހިއްސާއަކަށް 15 ރުފިޔާ އެވެ. އޭގެ ކުރީ އަހަރު ބަހާފައިވަނީ ހިއްސާއަކަށް 26 ރުފިޔާއެވެ.

ބީއެމްއެލްގެ ބޯޑުން ވަނީ އިންޓެރިމް ޑިވިޑެންޓްގެ ގޮތުގައި ގޮތުގައި 13 ރުފިޔާގެ މަގުން 69.9 މިލިއަން ރުފިޔާ ބަހަންވެސް ފާސްކޮށްފައެވެ.

ބީއެމްއެލުން ހިއްސާގެ ފައިދާގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ފާސް ކުރަނީ މި އަހަރު ބާއްވާ އެ ބޭންކުގެ އަހަރީ އާއްމު ޖަލްސާގައެވެ. ބޭންކުގެ ހިއްސާގެ ފައިދާ ބަހާނީ އަންނަ މަހުގެ 20ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިދިޔަ އަހަރު ބީއެމްއެލް އަށް ވަނީ ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އެ ބޭންކަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު މާލީ ފައިދާއެވެ.

ބީއެމްއެލްގެ 62.2 ޕަސެންޓް ހިއްސާ އަކީ ސަރުކާރެވެ. އަދި 4.1 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބާކީ 33.7 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ.