ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެސްޓީއޯއިން ހުޅުވާފައިވާ ފިއުލް ޓެސްޓިން ލެބޯރަޓަރީގައި ފުރަތަމަ ފަހަރަށް މިއަދު ތެޔޮ ޓެސްޓުކޮށްފިއެވެ.
ޕްރޮޑަކްޓް ޓެސްޓިންގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓް ކުރާ ގޮތަށް އެސްޓީއޯއިން ހުޅުވި މި ލެބޯޓަރީގައި ފުރަތަމަ ފަހަރަށް ޓެސްޓުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފޮނުވި ޖެޓްފިއުލް ސާމްޕަލްއެކެވެ.
އެސްޓީއޯއިން މި ލެބް ގާއިމުކުރުމުގެ ކުރިން، ރާއްޖެ ގެންނަ ތެޔޮ ޓެސްޓުކުރުމަށް ފޮނުވަމުންދިޔައީ ރާއްޖެއިން ބޭރަށެވެ. މި ލެބް ގާއިމުކުރުމާއެކު ހާއްސަގޮތެއްގައި އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓެއް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރީ-ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުން ވަނީ ނިމުމަކަށް ގެނެވިފައެވެ.
މިމަހުގެ އެއްވަނަ ދުވަހު ހުޅުވި މި ލެބޯޓަރީން ފިއުލް ޓެސްޓުކުރުމުން ޖީސީސީ އެކްރެޑިޓޭޝަން ސެންޓަރުގެ އައިއެސްއޯ އަދި އައިއީސީ 17025:2017 އެކްރެޑިޓޭޝަން ލިބޭނެއެވެ. މި ލެބޯޓަރީ ވެގެންދާނީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ތަނަކަށް ކަމަށާއި މި ލެބޯޓަރީން ދޫކުރާ ޓެސްޓު ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެެ. މި ލެބޯޓަރީން ހަދާ ޓެސްޓު ސެޓްފިކެޓުތައް ދޫކުރާނީ ސީދާ ޖީއީއޯ މިޑްލްއީސްޓްގެ ފަރާތުންނެވެ.
ޖެޓްފިއުލްގެ އިތުރުން، ރާއްޖެ އެތެރެކުރާ ޕެޓްރޯލާއި ޑީސަލްގެ ކީ ޕެރަމީޓާސްތައްވެސް މި ލެބޯޓަރީން ޓެސްޓުކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު