ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހިމް ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބުނީ، ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމަށްފަހު، އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ކަމަށެވެ.

ކޯޓު އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ހަވާލުވެ ހުންނެވި މުހައްމަދު އިބްރާހީމް ކައިރީ އެދިފައި ނުވާނެ ކަމަށް ދައުވާ ލިބޭ ފަރާތުން ބުނެފައިވާތީއާއި، އަދި އެ ގަޒިއްޔާއާ ގުޅިގެން ދައުވާ ލިބޭ ފަރާތާ މުއާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއިކޮށްފައިވަނީ މުހައްމަދު އިބްރާހީމް ކަމަށްވާތީ، މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި އަމަލީގޮތުން އޭނާ މަސައްކަތްކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މުހައްމަދު އިބްރާހީމްގެ އެ އަމަލުތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މާދަމާއިން ފެށިގެން އެއް މަސްދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް، މިއަދު ބޭއްވުނު ޖޭއެސްސީގެ މިއަހަރުގެ 18 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ވަނީ މިމަހުގެ ދިހަވަނަ ދުވަހު ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ ނަޝީދާ ގުޅޭގޮތުން ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފައެވެ. އެ މައްސަލައަކީ ކޯޓު އަމުރެެއް ނެރުމުގެ މައްސަލައެކެވެ.

މީގެ އިތުރުން މިމަހުގެ ދިހަވަނަ ދުވަހު ޖޭއެސްސީން ވަނީ ސިވިލް ކޯޓުގެ ގާޒީ ރިޒްމިނާ އިދްރީސްއާ ގުޅޭގޮތުން ހުށަހެޅި ސްލޫކީ މައްސަލަ ވެސް ސާބިތުނުވާކަމަށް ކަނޑައަޅައިފައެވެ.

މިމަހުގެ ތިންވަނަ ދުވަހު ޖޭއެސްސީން ވަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ މައްސަލައެއް ބެލުމަށް ނިންމައިފައެވެ. އެއީ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގައާއި އެ ނިންމުމާ ގުޅޭގޮތުން ނޫސްބަޔާނެއް ނެރުމުގެ މައްސަލައެވެ. އެ މައްސަލައާ މެދު ޖޭއެސްސީން އަދި ގޮތެއް ކަނޑައެއް ނާޅައެވެ.