އުސްފަސްގަނޑާ ދިމާލުން ސިނަމާލެ ބުރިޖު ކައިރީގައި އޮންނަ ފަސްގަނޑަށް ވެލާ އަރައި ބިސް އަޅާފައިވާތީ އެ ސަރަހައްދު ވެލައަށް ރައްކާތެރިކަން ލިބޭ ގޮތަށް ހިމާޔަތް ކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރުމަށް ވިސްނަމުން އަންނަ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައިވެސް މާލޭގެ އުސްފަސްގަނޑާއި ބްރިޖާ ދެމެދު އޮންނަ ކުޑަ ވެލިގަނޑަށް ވެލައެއް ވަނީ އަރާފަ އެވެ. އޭގެ ގާތްގަނޑަކަށް ދެ ހަފުތާވީފަހުން އަނެއްކާވެސް ރޭ ވަނީ އެ ސަރަހައްދަށް ވެލާ އަރައިފަ އެވެ.

ކުރިން އެރި ވެލާ އެއްގަމުގައި އޮއްވައި ފުލުހުން ވަނީ އޭތި މޫދަށް ދޫކޮށްލައިފަ އެވެ. އެގޮތަށް ކަންތައް ކުރެވުނީ އެއަށް ނުދެވި ތާށިވެގެން އޮތް ކަމަށް ހީކޮށް ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް ރޭ އެރި ވެލާ ބިސް އަޅައިގެން އަމިއްލައަށް ފައިބައިގެން މޫދަށް ދާންދެން ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްގެން ހިމާޔަތް ދީފަ އެވެ.

އީޕިއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ، ވެލާ އަރާ ސަރަހައްދު އެއަށް ރައްކާތެރިކަން ލިބޭ ގޮތަށް ހިމާޔަތް ކުރުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރުމަށް ވިސްނަމުން އަންނަ ކަމަށެވެ.

ނައީމު ވިދާޅުވީ ވެލާ އަރާ މޫސުމެއްގައި ތިން ފަހަރު ނޫނީ ހަތަރު ފަހަރު ވެލާ އަރާނެ ކަމަށެވެ. ދެން އެއަށްފަހު އޭތި އަރާނީ ދެ އަހަރުން އެއް އަހަރު ކަހަލަ ގޮތަކަށް ކަމަށެވެ.

މި ވެލައަކީ މާލެ ސަރަހައްދަށް އުފަންވެފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މިއީ މިދިޔަ މަހު މާލެ ސަރަހައްދަށް އެރި ވެލާކަމެއް ޔަގީން ނުވާ ކަމަށް ނައީމް ވިދާޅުވިއެވެ. ރޭ އެރި ވެލާ 96 ބިސް އަޅާފައިވާ ކަމަށާއި ހުރިހާ ބިހެއް މިހާރު ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިސް ނަގައިގެން ފޯ ސީޒަން ކުޑަހުރާ އަށް ގެންދިޔައީ ކީއްވެތޯ ސުވާލު ކުރުން ނައީމް ވިދާޅުވީ، ވެލާ ބިސް އަޅާފައި ހުރި ސަރަހައްދަކީ ބިސްތައް ފީ ކުރަން އެންމެ އެކަށޭނެ ސަރަހައްދު ނޫން ކަމަށެވެ.

"ވެލާ ބިސް އަޅާފަ މިހުންނަނީ މޫދާ ވަރަށް ކައިރީގަ. ރާޅު ޖަހާ ހިސާބުގަ. އެތާނގަ މިއޮންނަނީ ކުޑަ ކުޑަ ތަންކޮޅެއް. އެހެންވީމަ ވާނެ ގޮތަކީ އަބަދުވެސް އެތަނަށް ރާޅު ޖަހާ ތެތްކޮށް މިހުންނަނީ. މާބޮޑަށް މޮއިސްޗަރައިޒްކޮށް އޮތީމަ ވާނެ ގޮތަކީ ބިސް ފީވުމަށް ހުރަސް އެޅޭނެ. ވަކި ވަރަކަށް މޮއިސްޗަރައިޒްވެސް ވާންޖެހޭނީ." އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ ކުޑަހުރަށް ބިސް ގެންދިޔައީ އެރަށުގައި ވެލާގެ ކަންކަން ރިސާޗުކުރާ މީހަކު ހުންނާތީ ކަމަށާއި އަދި އެތަނުގައި މީގެ ކުރިންވެސް ބިސްފީކޮށްފައި ހުރުމުގެ ސަބަބުން މި ބިސްތައް ގެންދަން އެންމެ އެކަށޭނެ ތަނަކީ އެތަން ކަމަށް ފާހަގަކުރެވުމުން ކަމަށެވެ.

ނައީމް އިތުރަށް ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް މީހުންނާއި އިމިގްރޭޝަން މީހުންނާއި އެ ނޫންވެސް މީހުންނަށް އަބަދުވެސް ދިރޭ އެއްޗިއްސާ ބެހޭ މައުލޫމާތު އަބަދުވެސް ހިއްސާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރޭ ވެލާ އެރި ހަބަރު ލިބުމުން ފުލުހުންނަށް އެއަށް ހިމާޔަތް ދިނުމަށް އިރުޝާދު ދެއްވި ކަމަށާއި ފުލުހުން އެއަށް ހިމާޔަތް ދީފައިވަނީ އެ އެޖެންސީގެ އިރުޝާދާ އެއްގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

ވެލާއެރުމުން އެއަށް ދޭން ޖެހޭ ރައްކާތެރިކަން އާންމުންވެސް އެއަށް ދޭންޖެހޭނެ ކަމަށާއި އެއަށް ވެއްޔާއި ގާ އުކައި އެނޫންވެސް ތަކެތި އުކައި އުނދަގޫ ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ނައީމް ވިދާޅުވި އެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.