އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މަގާމުން ދުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ ޖާބިރު އެކަންޏެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރަން ނުފެންނަ ކަމަށް 28 މެންބަރުން ވޯޓު ދެއްވައިގެން އެ މައްސަލަ ވަނީ ދެންމެ މަޖިލީހުން ބޭރުކޮށްލައިފައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ރާއްޖެއަކީ ދުޅަހެޔޮ، އަމާން އޮމާން ވެއްޓަކަށް ހެދުމަށްޓަކައި، ކޮރަޕްޝަނާއި ފަސާދައިން އެއްކިބާވެފައިވާ މުޖުތަމައެއް ބިނާކުރުމަށް، ސަރުކާރުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ އެކިއެކި ދާއިރާތަކުގެ ބެލެނިވެރިކަން ހަވާލު ކޮށްފައިވާ ބައެއް ފަރާތްތަކަކީ އެ ސިފަ އަށަގެންފައިނުވާ ފަރާތްތަކެއް ކަމަށެވެ.

އެކަމާގުޅިގެން ކޮރަޕްޝަނާއި ފަސާދަ ކަށަވަރުވެ، ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ކުރިމަތީގައި ދައުލަތް ފަލީހަތްވެގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެމްޓީސީގެ ހިންގުމާ ހަވާލުވެފައިވާ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްގެ ފަރާތުން ފެންނަމުން ދަނީ، "އޭނާގެ މަސްލަހަތު އޮންނަ އޭނާގެ ބޭބެގެ ސިޔާސީޕާޓީކަމުގައިވާ (ކާނަލް ނާޒިމްގެ އެމްއެންޕީ) އަށް ނާޖާއިޒު ގޮތުގައި މަންފާ ހޯދައިދެމުންދާ މަންޒަރު،" ކަމަށް ޖާބިރު ވިދާޅުވިއެވެ.

އޭގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކި އެކި ޕްރޮޖެކްޓްތައް އާޒިމާ ގުޅުން އޮންނަ ފަރާތްތަކަށް ދީ، އޮޅުވާލުމާއި ޓެކުން ފަދަ ޖަރީމާތައް ހިންގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރު ގޮތަށް، އަމިއްލަ ޖީބު ފުރާ މަންޒަރު ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެމްއެންޕީއަށް ނާޖާއިޒު މަންފާ ހޯދައި ދިނުމަށް ނުވަތަ، އަމިއްލަ ޖީބު ފުރާލުމަށް އާޒިމް ކުރެއްވިކަމެއް ޖާބިރު ވިދާޅެއް ނުވެއެވެ.

ދެން ވިދާޅުވީ، އެފަދަ ނޭއްގާނީ ކަންތައްތަކަކީ، ސަރުކާރުގެ ސިޔާސަތުތަކުގެ ބޭރުން ހިންގަމުންގެންދާ، ވައްކަމާއި އަމިއްލަ މަންފާ ހޯދުން ކަމަށްބެލެވޭތީ، މިހާރުން މިހާރަށް އާޒިމް މަގާމުން ދުރު ކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރަން ފެނޭތޯ، ވޯޓަށް އެހުމުން މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ ޖާބިރު އެކަންޏެވެ. ޖަލްސާގައި ތިއްބެވި 33 މެންބަރުންގެ ތެރެއިން 28 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބަލައިގަނެ ބަހުސް ކުރަން ނުފެންނަ ކަމަށެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއްމެންބަރަކު އިންނެވިއެވެ. މި މައްސަލަ ބަލައިގަނެ ބަހުސް ކުރަން ބޭނުންވަނީ 15 މެންބަރުންގެ ވޯޓެވެ.