މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް)އިން ބުނެފިއެެވެ.

ކަސްޓަމުން ރޭ ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގަކީ 2.7 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ވަނީ ކުރީ އަހަރުގެ ފެބްރުއަރީ އަށްވުރެ 39 ޕަސަންޓު އިތުރުވެފައެވެ.

މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ، އޮމާން، ޔޫއޭއީ، އަދި އިންޑިއާ އާއި ޗައިނާއެވެ. އޮމާނުން 621 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 509 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 442 މިލިއަން ރުފިޔާ މުދާ މިދިޔަ ފެބްރުއަރީ މަހު ވަނީ އެތެރެކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 239 މިލިއަން ރުފިޔާއެވެ. މި ފެބްރުއަރީ މަހު އެ އަދަދަށް ވަނީ 29 ޕަސަންޓުގެ ކުރިއެރުމަކާއެކު 309 މިލިއަން ރުފިޔާއަށް އަރައިފައެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑް، އިނގިރޭސިވިލާތް، ޖަރުމަންވިލާތް، އިންޑިއާ އަދި ފަރަންސޭސީ ވިލާތަށެވެ.

މި ފެބްރުއަރީ މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅައިބަލާއިރު 27 ޕަސަންޓު ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު 256 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިއަހަރުގެ ފެބްރުއަރީ މަހު އެ އަދަދުވަނީ 325 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.