ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރަން 150 ދަރިވަރަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްކޮލާޝިޕް ދީފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުންނަށް ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މީހުން ބިނާކުރުމަށް ބޭނުންވާ ދާއިރާތައް ހޯދައި މައުލޫމާތު އެއްކުރެއްވިފައިވާ ކަމަށާއި މީގެ ކުރިން ޗާޓަޑް އެކައުންޓެންޓުން އުފެއްދުމަށް މިހާ ބައިވަރު ސްކޮލާޝިޕްތަކެއް އެއްވެސް ސަރުކާރަކުން ދީފައި ނޯންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، 150 ޗާޓަޑް އެކައުންޓަންޓުން ތަމްރީނުކުރުމަށް ހުޅުވާލި ސްކޮލާޝިޕަށް ކުރިމަތިލުމަށް އިއުލާންކުރުމުން 493 އެޕްލިކޭޝަން ލިބުނު ކަމަށެވެ. އަދި އެ އެޕްލިކޭޝަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާހާ ފުރިހަމައަށް ނިންމައިލެވުނީ އޮޑިޓާ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއި ޗާޓަޑް އިންސްޓިޓިއުޓްގެ ފަންނީ އެހީތެރިކަމާއި ލަފާ ލިބިގެން ކަމަށެވެ.
ރަސްމިއްޔާތުގައި ބައިވެރިވެރިވެވަޑައިގެންނެވި ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔާތަށް ތައުރީފުކުރައްވައި މިނިސްޓަރު ވިދާޅުވީ، ޒިޔާތަކީ ޗާޓަޑް އިންސްޓިޓިއުޓްގެ ފުރަތަމަ ރައީސްގެ މަގާމުގައި ހުންވައިގެން އެކައުންޓިން ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެ ދާއިރާއަށް ފަންނީ ޒުވާނުން އިތުރުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އަމިއްލައަށް އިސްނަންގަވައިގެން މިނިސްޓްރީއަށް ވަޑައިގެން އެކައުންޓިން ދާއިރާއަށް ގިނަގުނަ މަސައްކަތްކުރެއްވި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޒިޔަތުގެ އެ މަސައްކަތްތަކުގެ ސަބަބުން އެކައުންޓިން ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނެވުނު ކަމަށެވެ. ރާއްޖޭގައި ގިނައީ ބިދޭސީ ޗާޓަޑް އެކައުންޓެންޓުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދިވެހިން އެ ދާއިރާއިން ތަމްރީނުވުމުން ރާއްޖޭގެ އިގުތިސޯދަށް އެކަމުން ފައިދާވާނެ ކަމަށެވެ. އަދި ރާއްޖޭގެ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒިޔަތު ވިދާޅުވީ، މިއަދަކީ އޭނާ ވަރަށް ގިނަ ދުވަސްވަންދެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވި ދުވަސް ކަމަށެވެ. ޗާޓަޑް އެކައުންޓަކީ ކިޔަވަން ވަރަށް އުނދަގޫ އެއްޗެއް ކަމަށާއި މި ލިބޭ ފުރުސަތުގައި ކޮލިފިކޭޝަން ހޯދޭނެކަން ސަރުކާރަށް ދެއްކުމަށް ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ޒިޔާތު ނަސޭހަތްދެއްވިއެވެ.
މި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވަނީ ޗާޓަޑް އެކައުންޓެންޓުން ތަމްރީނު ކުރެއްވުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި ސަރުކާރަށާއި މިނިސްޓަރަށް ޝުކުރު ދަންނަވައިފައެވެ. އަދި 150 ސްކޮލާޝިޕަކީ ފެށުމެއް ކަމަށާއި މީގެ ނަތީޖާ ރާއްޖޭގައި ފެނިގެންދާނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
ސަރުކާރުގެ ހަރަދުގައި 150 ޗާޓަޑް އެކައުންޓަންޓުން ތަމްރީނުކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލާފައިވަނީ އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލްއަށް އަދި ސީއައިއެމްއޭ ލެވެލްއަށެވެ.
ހަޔާ އެޑިއުކޭޝަނު ބުނީ، ސޮކްލާޝިޕްތަކުގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ އެކައުންޓަންޓުންގެ ގޮތުގައި ދިވެހި ޒުވާނުން ވީހާވެސް އަވަހަކަށް ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުން ކަމަށެވެ. ގިނަ މޮޑިއުލްތަކުން އެގްޒެމްޕްޝަން ލިބޭ ފަރާތްތަކަށް އިސްކަންދީ އަދި މެރިޓް އުސޫލަށް ވެސް ރިއާޔަތްކޮށްގެން ސްކޮލާޝިޕް އެވޯޑްކުރުމަށް އެ ސްކޮލާޝިޕްތަކުގައި އިސްކަންދީފައިވާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
އެ ސްކޮލާޝިޕްތަކުގައި ކިޔަވާ ދަރިވަރުން ދެ އަހަރުގެ މުއްދަތަށް ރާއްޖޭގައި ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށެވެ. އަދި ސްކޮލާޝިޕްތަކުގެ ތެރެއިން 50 ފުރުސަތު ރިޒާވް ކޮށްފައިވަނީ ޕަބްލިކް ސެކްޓަރަށް ކަމަށާއި ބާކީ 100 ފުރުސަތު ރިޒާވް ކޮށްފައިވަނީ ޕްރައިވެޓް ސެކްޓަރަށް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.
- ރަޖިސްޓަރީ ކުރުމުގެ ފީ
- އެނުއަލް ސަބްސްކްރިޕްޝަން ފީ
- އެގްޒެމްޕްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޕްޝަން ފީ
- އެގްޒޭމް ފީ
- ކަނޑައެޅިފައިވާ ރޭޓުން ބުކް އެލަވަންސް
- ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ
- މަރުކަޒަކަށް ހާޒިރުނުވެ އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައިވާ ހުރިހާ ހަރަދެއް
ޚަބަރު
ޚަބަރު
ޚަބަރު