އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހިންގަމުން އައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓް، މަރާމާތަށް ފަހު އަންގާރަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ އެސްޓީއޯ ސުޕަ ސްޓޯ ހުޅުވަން އެކުންފުނިން ރާވާފައި ވަނީ އަންގާރަ ދުވަހު ކަމަށާއި އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ސުޕަ ސްޓޯ ހުޅުވާއިރު ކުދި ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެތަނަށް ގެނެސްފައިވާ ބޮޑެތި ބަދަލުތައް ފެންނާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން ސްޕަ ސްޓޯގައި ޕްރައިވެޓް ސެކްޓާ ވިޔަފާރިތަކުގެ މުދާތައް ވިއްކާ ހަރުތަކެއް ހާއްސަކޮށްފައިވާނެއެވެ. މީގެ އިތުރުން ވެސް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކަމުން އަންނަ އިލެކްޓްރޯނިކް ސާމާނުތައް ވެސް ބުދަ ދުވަހުން ފެށިގެން ލިބެން ހުންނާނީ ސްޕަ ސްޓޯރުން ކަމަށާއި އެސްޓީއޯ އިން ވިއްކާ ބޭހުގެ ބާވަތްތައް ވެސް އެތަނުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯގެ އޮފިޝަލު ވިދާޅުވިއެވެ.
"ޕްރައިވެޓް ސެކްޓާއަށް ޖާގަ ދިނުމުގެ ގޮތުން ރެކްތަކެއް ހަދާފަ ހުންނާނެ. އެ ރެކްތަކުން ޖާގަ ދީފަ ހުންނާނީ. މިސާލަކަށް ސްޓޭޝަނަރީ ވިޔަފާރި ކުރާ ފަރާތްތަކަށާއި ކުޑަކުދިންގެ ކުޅޭ ސާމާނު ވިއްކާ ފަރާތްތަކަށާއި ބޭކަރީ ހިންގާ ފަރާތްތަކަށާއި ކޮސްމެޓިކްސް އާއި ސެންޓު ވިއްކާ ފަރާތްތަކަށް ވެސް ފުރުސަތު ދީފަ ހުންނާ." އޮފިޝަލު ވިދާޅުވިއެވެ.
ކުރިއަށްވުރެ ޖާގަ ތަނަވަސްކޮށް އެސްޓީއޯއިން ހުޅުވާ "މުޅިން އާ" މި ސުޕަ ސްޓޯ ވެގެންދާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ތަނަކަށެވެ. އެއީ ކުރިން އެތަނުގައި ވިޔަފާރި ކުރަމުން އައި ގޮތް އެއްކޮށް ބަދަލުކޮށްލައި އެސްޓީއޯ ނޫން އެހެން ވިޔަފާރިތަކުގެ މުދާ އެތަނުން ވިއްކޭނެ ގޮތް ހަމަޖެހިފައި ހުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު