ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ ނަޝީދުގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ ނަޝީދުގެ ސުލޫކީ މައްސަލަ، ތަހުގީގު ކުރެވި އެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 12 ވަނަ ބައްދަލުވުމުގައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ވަނީ މެޖިސްޓްރޭޓް އަލީ ނަޝީދުގެ މައްސަލައެއް ބަލައި ނަސޭހަތް ދީފައެވެ. މެޖިސްޓްރޭޓް އަލީ ނަޝީދާ ގުޅޭގޮތުން ކޮމިޝަނުން އެފަހަރު ބަލާފައިވަނީ ކޯޓް ތެރޭގައި ހަރަދު ކުރުމަށް ހުރި އިޖުރާއަތްތަކާ ހިލާފުވި ކަމަށް ތުހުމަތުކުރެވިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.