ރާއްޖޭގެ ޓޫރިޒަމްގެ މާކެޓް ބަދަލުކޮށްލައި އާ ތަޖުރިބާތައް ކުރުމުގެ ގޮތުން ލަގްޒަރީ ސުޕަ ޔޮޓެއް ބަންނަން ބޭނުންވާ ކަމަށާއި އެކަމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
"ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އާ މާކެޓެއް ތައާރަފު ކުރަންޖެހޭ ކަމަށާއި އެ މަގުސަދުގައި 100 މީޓަރުގެ ލަގްޒަރީ ސުޕަ ޔޮޓެއް ބަނުމަށް ބޭނުންވާ ކަމަށެވެ.
ސުޕަ ޔޮޓުގެ ހުރިހާ މަސައްކަތެއްވެސް ކުރަން ބޭނުންވަނީ ރާއްޖޭގައި ކަމަށާއި ރާއްޖެއިން ބޭރުގައި ސުޕަ ޔޮޓެއް ބަނުމަށް ކުރަންޖެހޭ ހަރަދަށް ވުރެ ރާއްޖޭގައި އެ މަސައްކަތް ކުރުމުން މާ އަގު ހެޔޮކޮށް އެފަދަ ޔޮޓެއް ލަގްޒަރީ ފެންވަރަށް ބަނދެވޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
"ރާއްޖޭގެ ޓެމްޕަރޭޗާ ވެސް ރަނގަޅު. މިސާލަކަށް 30 މިލިއަން، 25 މިލިއަންގެ ޔޮޓެއް އެއަށްވުރެ މާ ކޮސްޓް އެފެކްޓިވްކޮށް، އަގު ހެޔޮކޮށް އެ ކޮލެޓީގައި އަޅުގަނޑުމެންނަށް ނެރެވޭނެ. އިމްޕޯޓް ކުރަންޖެހޭނީ ދަގަނޑު. އެހެންވީމަ ރާއްޖޭގައި ވަރަށް ކާމިޔާބު އިންޑަސްޓްރީއަކަށް ވާނެ ކަމަށް މި ބަލަނީ،" ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ލަގްޒަރީ ސުޕަ ޔޮޓް ބަންނަން ޖެހޭނީ ދަގަނޑުން ކަމަށާއި ގާތްގަނޑަކަށް ދެ އަހަރުތެރޭ ޔޮޓް ބަނދެ ނިމޭނެ ކަމަށެވެ. އަދި އެ މަޝްރޫއަށް ބޭނުންވާ ނޭވަލް އާކިޓެކްޗަރުންނާއި ޑިޒައިނަރުންނާއި ސަފާރީގެ އެހެނިހެން މަސައްކަތަށްވެސް ބޭނުން ވަނީ ދިވެހިން ކަމަށާއި އެފަދަ ހުނަރުވެރި ފަރާތްތަކަށް ޔޮޓް ޓުއާސްއަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ މި ލަގްޒަރީ ޔޮޓު ބަނުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެ ޔޮޓު ބަނުމުގެ މަސައްކަތް ކުރާނީ ކާށިދޫގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު