އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މަގާމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ޝައުގުވެރިކަން ފާޅުކޮށް، އިންތިހާބުގައި ވާދަކުރުމަށް ވަނީ ބާރު އަޅާފައެވެ.

"ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް (ސީއެމްޑީސީ) ކޯޑުގައި ބާރުއަޅާ ފަދައިން، ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވުމާއި އިންތިހާބުގައި ވާދަކުރެއްވުމަކީ ކުންފުނިން ބާރުއަޅާ ކަމެކެވެ." އެސްޓީއޯއިން ބުންޏެވެ.

ޑިރެކްޓަރު ކަމަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ އެކަމަށް ގާއިމުކޮށްފައިވާ އެސްޓީއޯގެ އޮންލައިން ޕޯޓަލްއިންނާއި ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށެވެ. އަދި ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އެސްޓީއޯ އިން ބުނީ، ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެ ނަންތަކެއް ނިންމާނީ ކުރިމަތިލާ ފަރާތްތަކާ އެސްޓީއޯގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިންޓަވިއު ކުރުމަށްފަހުގައި ކަމަށެވެ. އަދި ނަންތައް އިވެލުއޭޓް ކޮށް ފޮނުވާ އިރު، "ޖެންޑާ ޑައިވާސިޓީ" އަށް އިސްކަންދޭނެ ކަމަށްވެސް ބުންޏެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ، ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުންނަށް ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެކަން މިމަސް ނިމުމުގެ ކުރިން އަންގައިދިނުމަށް އެދި ޕްރައިވަޓަޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށްވެސް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.