ޑިފެންސް މިިނިސްޓްރީގެ މަސައްކަތުގެ ތެރޭގައި "މޯލްޑިވްސް ހައިޑްރޯގްރެފިކް ސާވިސް" ހިމަނައި އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ގެނައި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ގެނައި ބަދަލުތައް މަޖިލީހުން ފާސްކޮށްދެއްވުމަށް އެދިވަޑައިގެން މަޖިލީހަށް ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ބަަަދަލުތައް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ކަމާބެހޭ ރިޕޯޓެއް މަޖިލިސް ތަޅުމަށް ހުށަހެޅި އިރު، މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތައް މަޖިލީހުން ފާސްކޮށްދިނުމަށް އެ ރިޕޯޓުގައި ކޮމިޓީން ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެ ބަދަލުތައް ފާސްކުރީ، ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

"މޯލްޑިވްސް ހައިޑްރޯގްރެފިކް ސާވިސް"ގެ ނަމުގައި ރައީސް ސޯލިހު އިދާރާއެއް އުފައްދަވައި އެ އިދާރާއަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖެއްސެވީ ހުސްވި ޖެނުއަރީ މަހުގެ 19 ގައެވެ. އެ ސާވިސްގެ މަސައްކަތްތަކުގެ ތެރޭގައި ނުވަ ކަމެއް ވަނީ ހިމަނުއްވައިފައެވެ.