ކުރީގެ ލޯބިވެރިޔާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު އޭނާގެ އަތުން ނެގި 82،000 އަށްވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ދިވެހި އަންހެނަކު ފިރިހެނަކާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް އެކިފަހަރުމަތީން 4,300 ޑޮލަރާއި 37,000 ރުފިޔާ ނެގި ނަމަވެސް އަނބުރާ ދައްކާފައިވަނީ 21,000 ރުފިޔާ ކަމަށެވެ. ނަމަވެސް ބާކީ 4,300 ޑޮލަރާއި 16,000 ރުފިޔާ އަނބުރާ ދައްކާފައިނުވާތީ އެ ފައިސާ ފިރިހެން މީހާގެ ފަރާތުން ހޯދައިދިނުމަށް އެދޭ ކަމަށެވެ.

ދައުވާ ސާބިތުކުރުމަށް އަންހެން މީހާގެ ފަރާތުން ވަނީ ފައިސާ ޖަމާކުރިކަން އަންގައިދޭ ރަސީދުތަކުގެ ކޮޕީ އާއި ޗެކާއި ޗެކް އަނބުރާ ރައްދުކުރިކަމުގެ ލިޔުމާއި ފައިސާ ޖަމާކުރިކަން އަންގައިދޭ ކޭޝް ޑިޕޮސިޓް ރަސީދެވެ.

މި މައްސަލައިގެ ޝަރީއަތުގައި ފިރިހެން މީހާ ބުނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު އޭނާއަށް އަންހެން މީހާ ގިނަ ހަރަދުތަކެއް ކުރި ކަމަށާއި އެ ހަރަދުތައް ކުރިއިރު އެއީ އަނބުރާ ދޭންޖެހޭ ފައިސާއެއް ކަމަށް އަންހެން މީހާ ބުނެފައި ނުވާ ކަމަށެވެ. އަދި ދެމީހުން ވަކިވުމުން އަންހެން މީހާ އެ ފައިސާ އަނބުރާ ދިނުމަށް އެދުނު ކަމަށާއި ނަމަވެސް މާލީ ހާލަތު ހުރިގޮތުން އަނބުރާ ދައްކަން ނެގި ފައިސާ ދިނުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.

ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ފިރިހެން މީހާ ފައިސާ ނެގި ދުވަސްވަރު އެ ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ނަމަވެސް އަންހެން މީހާއަކީ ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ފިރިހެން މީހާއަށް ހަރަދުކުރަންޖެހޭ ފަދަ މަގާމެއްގައި ހުރި މީހެއް ނޫން ކަމަށެވެ. އަދި އަންހެން މީހާ ފައިސާ ދިނީ ހަދިޔާއެއްގެ ގޮތުގައި ކަން އެނގޭފަދަ އެއްވެސް ހެއްކެއް ފިރިހެން މީހާގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.

ހުކުމުގައި ވަނީ ފިރިހެން މީހާއަށް 21 ޑިސެންބަރު 2021 އާއި 9 ޖެނުއަރީ 2022 ގައި ކޯޓަށް ހާޒިރުވުމަށް އެންގި އަމުރުތަކަށް ފިރިހެން މީހާ ބޯލަނބާފައިނުވާ ކަމަށާއި 22 ފެބްރުއަރީ 2021 ގައި ކޯޓަށް ހާޒިރުވުމަށް ފިރިހެން މީހާއަށް އެންގުމުންވެސް އިޖާބަދީފައި ނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.

އެހެންވެ ސިވިލް ކޯޓުން އޭނާގެ ޣައިރު ހާޒިރުގައި އިއްވާފައިވާ ހުކުމުގައި ވަނީ 4،300 ޑޮލަރާއި 16,000 ރުފިޔާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.