މާލޭގެ އެއް ނަންބަރު ކުނިކޮށްޓާ ދިމާލުން ނީލަމުގައި ތަކެތި ވިއްކަމުންދާ ސަރަހައްދު (ނީލަން ފިހާރަ ސަރަހައްދު) ސާފުކުރުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގެ ފަޅުމަތީ މަގުގައި އެކި ފަރާތްތަކުން މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި، މަގުމައްޗަށް ގިނަ އަދަދަކަށް ކުނި އަޅަމުން ގެންދާތީ އާންމު ރައްޔިތުންގެ ފަރާތުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެ މައްސަލަ ކައުންސިލަށް ހުށަހަޅަމުންދާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ވަނީ އެ ސަރަހައްދުގެ މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރަން އަންގައިފައެވެ.
ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައިވަނީ މިކަމަކީ މީގެ ކުރިންވެސް އެތައް ފަހަރަކު އެ ކައުންސިލުން މަނާކޮށް، އެކަން ނުކުރުމަށް އަންގާފައިވާ ކަމަކަށް ވުމާއެކު މިހާރު އެ ސަރަހައްދުގެ މަގުމަތީގައްޔާއި، ނީލަން މުދާ ވިއްކާ ގޮޅިތަކުން ބޭރުގައި ހުރި އެކި ބާވަތްތަކުގެ މުދަލާއި މަގުމައްޗަށް އަޅާފައި ހުރި ކުނިތައް އެތަކެތި ބެހެއްޓި ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނަގައި ސާފުކުރުމަށް އަންގާ ކަމަށެވެ.
މި މުއްދަތުގެ ނިޔަލަށް ނުނަގައި ހުރި ތަކެތި އެ ކައުންސިލުން ނަގައި ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށާއި އަދި އެތަކެތި ނެގުމުގައާއި ނެގުމަށްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ޒިންމާ ނުވާނެ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު