ކެމަރޫން ރައީސް ޕައުލް ބީޔާގެ އަމުރަކަށް އެގައުމުގެ ގައުމީ ޓީމުގެ ކޯޗަކަށް ފުޓުބޯޅަ ލެޖެންޑް ރިގޮބާޓް ސޯންގް ހަމަޖައްސަން ކުޅިވަރާ ބެހޭ ވުޒާރާއިން އެފްއޭ އަށް އެދިއްޖެއެވެ.

ކެމަރޫނާއެކު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތިންވަނަ ހޯދި ކޯޗު، އުމުރުން 45 އަހަރުގެ ޓޯނީ ކޮންސިއޭސާއޯ އެ މަގާމުން ވަކިކޮށް، ސޯންގް މަގާމާ ހަވާލުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އެފްއޭއަށް އެދުނު ނަމަވެސް އެކަމުގައި އެފްއޭފެ ރަސްމީ ޖަވާބެއް އަދި ދީފައެއް ނުވެއެވެ. ކެމަރޫންގެ އެފްއޭ ރައީސަކީވެސް ފުޓުބޯޅަ ލެޖެންޑެކެވެ. އެއީ ކުރިން ބާސެލޯނާއާއި އިންޓަ މިލާނަށްވެސް ކުޅުނު ސެމިއުލް އެޓޫއެވެ.

"ކެމަރޫނަށް ބޭނުން ވަނީ އާ އުންމީދެއް. ރައީސްގެ އިރުޝާދާއި، އެންގެވުމާއެކު ގައުމީ ޓީމުގެ ކޯޗުކަމުގައި ހުރި އެންޓޯނިއޯ ކޮންސިއޭސާ އެމަގާމުން ދުރުކޮށް ރިގޮބާޓް ސޯންގަށް މަގާމުދޭން އަންގަން،" ކެމަރޫންގެ ކުޅިވަރާ ބެހޭ ވަޒީރު ނާސީސޭ މޮއުއްލޭ ކޯމްބީ ވިދާޅުވެފައިވެއެވެ.

ކޯމްބީގެ ސިޓީއެއް އެފްއޭއަށް ފޮނުވާފައިވާ އިރު، އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ރައީސްގެ އެ އިރުޝާދަށް އެފްއޭއިން އަމަލު ކުރުމަށެވެ.

ކެމަރޫން ގައުމީ ޓީމަށް ރެކޯޑު 137 މެޗު ކުޅެފައިވާ ސޯންގް، ގައުމީ ޓީމުގެ ކޯޗު ކަމަށް އެފަދަ ގޮތަކަށް ހަމަޖެއްސުން ވެގެންދާނީ ފީފާގެ އުސޫލުތަކާ ވަރަށް ބޮޑަށް ހިލާފުވާނެ ކަމަކަށެވެ. އެއީ ފީފާއިން އަބަދުވެސް ބާރު އަޅަނީ ގައުމުތަކުގެ އެފްއޭއަށް ސިޔާސީ ނުފޫޒު، ސަރުކާރުތަކުގެ ނުފޫޒުވެސް ނުވަންނާނެ ގޮތަކަށް ކަމަށް ވާތީއެވެ.

ސޯންގް ވަނީ ކުރިން ޕްރިމިއާ ލީގުގެ ލިވަޕޫލާއި ވެސްޓްހަމްއަށްވެސް ކުޅެފައެވެ. އޭގެ ފަހުން ފްރާންސް، އިޓަލީގެ އިތުރުން ޖަރުމަނު ލީގު، އަދި ތުރުކީ ލީގުގައިވެސް އޭނާ ކުޅެފައިވާ އިރު، ގައުމީ ޓީމާއެކު ހަތަރު ވޯލްޑް ކަޕްގައިވެސް ކުޅެފައިވެއެވެ. އޭގެ އިތުރުން ސޯންގް ވަނީ ކެމަރޫނާއެކު 2000 އަދި 2002 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްވެސް ކާމިޔާބު ކޮށްފައެވެ.